މި ޖުލައި މަހު 23 ގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމިޕިކްސްގެ މުބާރާތްތައް ބާއްވާ ޖަޕާނުގައި މިއަދު ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ. ޖަޕާނުގެ ބޮޑުވަޒީރު 'ޔޮޝިހިޑެ ސޫގާ' ވިދާޅުވިގޮތުގައި ކުއްލި ހާލަތު ފަށާނީ މިއަންނަ ހޯމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 22 ވަނަ ދުވަހާ ހިސާބަށެވެ. މިކަމާއި ގުޅިގެން އޮލިމްޕިކްސްގެ ގިނަ މުބާރާތްތައް ކުރިއަށްދާނީ ކުއްލި ހާލަތުގައި ސަޕޯޓަރުންނާއި ބެލުންތެރިން ނުވައްދައެވެ. މިއީ ޖަޕާނުގެ ޞިއްޙަތާއި ބެހޭ މާހިރުން ދިން ލަފާގެ މަތިން އޮލިމްޕިކްސްގެ މުބާރާތްތަކަށް ހާޒިރުވާ އެކި ގައުމުތަކުގެ ވާދަވެރިންނާއި ކުޅުންތެރިން އަދި ޓީމްތަކާއި ގައުމުތަކުގެ މަންދޫބުންގެ ތެރޭ ބަލި ފެތުރުނަ ނުދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.
މީގެ ކުރިންވެސް އޮލިމްޕިކްސްގެ މި މުބާރާތަށް ބޭރު ގައުމުތަކުން ސަޕޯޓަރުންނާއި ތަރުޙީބުދޭ ފަރާތްތަކުން ހާޒިރުވުން ވަނީ މަނާކޮށްފައެވެ. ޖަޕާނުގެ މި ނިންމުމާއި ގުޅިގެން ބައިނަލްއަޤްވާމީ އޮލިމްޕިކްސް ކޮމިޓީގެ ރައީސް 'ތޯމަސް ބެޗް' އޮލިމްޕިކްސްގެ ފަރާތުން އިތުރު މައުލޫމާތު ހިއްސާކުރާނެވާހަކަ ވަނީ ރިޕޯޓްކޮށްފައެވެ.
ކޮވިޑް-19 ގައި ބޮޑެތި ގައުމުތަކަށް ދިމާވި ފަދަ ނުރައްކާ ޖަޕާނަށް ދިމާނުވިނަމަވެސް، މި ބަލީގެ ތިންވަނަ ރާޅެއްގެ އަސަރު މިހާރުވަނީ ކުރަން ފަށާފައެވެ. ވެރި ރަށް ޓޯކިޔޯގައި މިއަދު އެކަނިވެސް 896 ކޭސް ވަނީ ފެނިފައެވެ. އޮލިމްޕިކްސްގެ ދަންމަރު ޓޯކިޔޯގެ ބޮޑެތި މަގުތަކުގައި އުފުލުމަށް ކުރިން ހަމަޖެހިފައި ވީ ނަމަވެސް، މިހާރު މި ދަންމަރު އުފުލޭނީ ޓޯކިޔޯގެ އައްސޭރީގައި އޮންނަ ސިޓީތަކުގެ މަގުތަކުގައި ކަމަށް މައުލޫމާތު ލިބިއެވެ. އެހެން ނަމަވެސް މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތަށް ދަންމަރު ގެންދާނީ ކިހިނެތްކަމެއް އަދި ނިންމާފައެއް ނުވެއެވެ. އޮލިމްޕިކްސްގެ މުބާރާތުގައި ހިނގާ އެންމެ ޚާއްޞަ ސަގާފަތަކީ ދަންމަރުގައި ރޯކޮށްފައި އިންނަ ހުޅުކޮޅު ގެންގޮސް މުބާރާތް ބާއްވާ ގައުމުގެ ވެރި ރަށުގައި ހުންނަ ބޮޑު އުދުނެއްގައި ރޯކޮށްލުމެވެ. އެއާއެކު މުބާރާތް ނިމުމުގެ ރަސްމިއްޔާތާ ހަމައަށް މި އުނދުނުގައި އަބަދުވެސް އަލިފާން ނިވިގެންދިޔަ ނުދީ ބަހައްޓައެވެ. އޮލިމްޕިކްސްގެ މުބާރާތަށް މިފަހަރު ދިވެހިރާއްޖެއިން 4 އެތުލީޓެއް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
