ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން އަށް ގަޑިއިރަށް ކަރަންޓު ކެނޑެން މެދުވެރިވީ މަގު ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މި ހާދިސާއާ ގުޅިގެން މަގު ކޮންނަ އިރު ކޭބަލްތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، ހޯމަ ދުވަހު މެންދުރުފަހު 3:30 ހާއިރު ހުޅުމާލޭ ފޭސް 2 ގެ ބައެއް ހިޔާ ޓަވަރުތަކާއި ވިނަރެސް އެޕާޓްމަންޓުތަކުން ކަރަންޓު ކެނޑުނީ ބިމުގެ އަޑީގައިވާ ކޭބަލަކަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ. މި ހާދިސާގައި ހިޔާގެ 8 ޓަވަރަކުން ކަރަންޓު ކެނޑި، މައްސަލަ ހައްލުކޮށް ކަރަންޓު ދިނުމަށް ގިނަ ވަގުތުތަކެއް ވަނީ ހޭދަވެފައެވެ.
މަގު ކޮނުން ފަދަ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައި އަޅާފައިވާ ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސްޓެލްކޯއިން ވަނީ ހަރުކަށިކޮށް އިލްތިމާސްކޮށްފައެވެ. މިފަދަ އިހުމާލުތަކުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ޚިދުމަތް މެދުކެނޑި ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަން އެ ކުންފުނިން ފާހަގަކުރެއެވެ.
