ކޮންމެ ގައުމެއްގެވެސް އެންމެ ވަރުގަދަ ތަނބަކީ އެ ގައުމެއްގެ އަމިއްލަ ބަހެވެ. ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި، ތާރީޚާއި، އާދަކާދަތަކުގެ ލޭނާރަކީ އަދި ގައުމިއްޔަތުގެ ބިންގަލަކީ މި މުއްސަނދި ދިވެހިބަހެވެ. 2026 ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކުރާއިރު، "ގައުމިއްޔަތު ދިރުވާން ސާފު ދިވެހިބަހުން ވާހަކަ ދައްކަމާ!" މި ޝިއާރަކީ މިއަދުގެ ހާލަތަށް ރިއާޔަތްކުރާއިރު ނުހަނު މުހިންމު އަދި އެހާމެ މުނާސަބު ޝިއާރެކެވެ.

ދިވެހިބަހަކީ ހަމައެކަނި މުއާސަލާތު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ނޫނެވެ. އެއީ ދިވެހިވަންތަކަމުގެ ރަމްޒެވެ. ނަމަވެސް، ހިތާމައާއެކު ފާހަގަކުރަންޖެހޭ ހަގީގަތަކީ، މިއަދުގެ ދިވެހި މުޖުތަމައުގައި ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ފަސްޖެހޭ މީހުން ދަނީ އިތުރުވަމުންނެވެ. ބަހުގެ މުއްސަނދިކަމާއި ރީތި ހަމަތަކަށްވުރެ ބޮޑަށް، އެހެން ބަސްބަހުގެ ނުފޫޒު ވަދެ، ދިވެހިބަސް މަސްހުނިވެ، ބަހުގެ އަސްލު ގެއްލެމުންދާ މަންޒަރަކީ މިއަދު ފެންނަން އޮތް ހިތްދަތި ހަގީގަތެކެވެ.

މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ކިޔަވާކުދިންނާއި ޅަފުރާގެ ކުދިންގެ މެދުގައެވެ. ގޭތެރޭގެ މާހައުލުން ފެށިގެން މަދަރުސާގެ ގޯތިތެރެއާ ހަމައަށް، ދިވެހިބަހުން ވާހަކަދެއްކުމަކީ "ބާޒާރުމަތީ" ކަމެއްގެ ގޮތުގައި ބައެއް ކުދިންނަށް ސިފަވަނީ ބަހަށް އޮންނަންޖެހޭ ލޯތްބާއި ގަދަރު ކުޑަވުމުގެ ސަބަބުންނެވެ. ގިނަ ކުދިންނަށް މިއަދު ފަސޭހަވަނީ އިނގިރޭސިބަހުން ޝުއޫރުތައް ފާޅުކުރުމަށެވެ. މިއީ ގައުމިއްޔަތުގެ ކުރިބޯށި ރޫޅިގެން ހިނގައިދާނެ ކަމުގެ ނުރައްކާތެރި ސިގުނަލެކެވެ.

މި ހާލަތު ބަދަލުކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ދިވެހިބަހަށް އޮތް ޝައުގުވެރިކަން އުފެއްދުމެވެ. ބަހަކީ ހަމައެކަނި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭ އެއްޗަކަށް ވުމުގެ ބަދަލުގައި، އެއީ ފަޚުރުވެރިވާންޖެހޭ އަމިއްލަވަންތަކަމުގެ ބައެއްކަން ކުދިންގެ ހިތްތަކަށް ވައްދައިދޭން ޖެހެއެވެ. ސާފު ދިވެހިބަހުން ވާހަކަދެއްކުމަކީ ތަހުޒީބުކަމުގެ އަލާމާތެއްކަން މުޖުތަމައަށް ބުނެދޭން ޖެހެއެވެ. ބަހުގެ މުއްސަނދިކަން އިހުސާސް ކުރެވޭނީ ބަހުގެ އަދަބިއްޔާތާއި، ރީތި ބަސްމަގު ބޭނުންކޮށްގެންނެވެ.

ސާފު ދިވެހިބަހުން ވާހަކަދެއްކުމަށް ބާރުއެޅުމަކީ ހަމައެކަނި ނަސޭހަތަކުން ނުވަތަ އިރުޝާދަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން، ދައުލަތުގެ ފެންވަރުގައި ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައި ތަންފީޒުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަރުކާރުގެ އިދާރާތަކާއި، މީޑިއާތަކާއި، ތައުލީމީ މުއައްސަސާތަކުން ދިވެހިބަސް ބޭނުންކުރުމުގައި ހަރުދަނާ މިންގަނޑުތަކެއް ގެންގުޅެން ޖެހެއެވެ. ވަކިން ހާއްސަކޮށް، ރަސްމީ މުއާމަލާތްތަކުގައި ސާފު ދިވެހިބަސް ބޭނުންކުރުން މަޖުބޫރުކުރުމަކީ ބަހުގެ ދިރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ދަރިވަރުންގެ މެދުގައި ބަހަށް ލޯބި ޖެއްސުމަށްޓަކައި، ކިޔަވައިދިނުމުގެ މަންހަޖަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ. ދިވެހިބަސް ކިޔަވައިދޭ ގޮތް ޒަމާނީކޮށް، ކުދިން ފޫހިނުވާނެ ފަދަ އުކުޅުތައް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. އަދި ބަސް ބޭނުންކުރުމުގައި އިސްކަންދޭ ކުދިންނަށް ހިތްވަރުދީ، އަގުވަޒަންކުރުމުގެ ހަރަކާތްތައް ގިނަކުރަން ޖެހެއެވެ. ބަހަކީ ދިރިހުރި އެއްޗަކަށް ހެދޭނީ، އެ ބަހުން ދައްކާ ވާހަކައާއި ލިޔާ ލިޔުންތަކަށް މުޖުތަމައުގެ އިހުތިރާމް ލިބިގެންނެވެ.

ޓެކްނޮލޮޖީގެ މި ޒަމާނުގައި، ޑިޖިޓަލް މާހައުލުގައި ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީވެސް ސިޔާސަތުތަކުގެ ތެރޭގައި ހިމަނަންޖެހޭ ކަމެކެވެ. ސޯޝަލް މީޑިއާއާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ދިވެހިބަހުން ލިޔުމާއި ވާހަކަދެއްކުމަށް ބާރުއަޅާ، ދިވެހިބަހުގެ ސޮފްޓްވެއަރތަކާއި އެޕްލިކޭޝަންތައް ތަރައްގީކުރުމަކީ ޒުވާނުން ބަހާ ގާތްކުރުމަށް ކުރެވިދާނެ ކަމެކެވެ. ބަސް ކުރިއަރާނީ އެ ބަހަކީ ޒަމާނާ ފައިހަމަކުރާ ބަހަކަށް ހަދައިގެންނެވެ.

އާއިލާއަކީ ކުއްޖާގެ ބަސްމަގު ބައްޓަންވާ އެންމެ ފުރަތަމަ މަދަރުސާއެވެ. މައިންބަފައިން ގޭތެރޭގައި ސާފު ދިވެހިބަހުން ވާހަކަދެއްކުމަކީ، ކުދިންގެ ދުލަށް އެ ބަސް ފަރިތަވުމަށް އޮތް އެންމެ ބޮޑު ބާރެވެ. އިނގިރޭސި ބަހަކީ އުނގެނުމަށް މުހިންމު ބަހެއް ނަމަވެސް، މާދަރީ ބަހުގެ މައްޗަށް އެހެން ބަހެއް އިސްކުރުމަކީ އަމިއްލަ ވަންތަކަން ގެއްލިގެންދާނެ ކަމެކެވެ. އެހެންކަމުން، ގޭތެރޭގެ މާހައުލުގައި ބަސް "މަސްހުނި" ކުރުން ހުއްޓާލައި، ސާފު ދިވެހިބަހަށް އިސްކަންދޭން ޖެހެއެވެ.

ގައުމިއްޔަތު ދިރުވުމަކީ ހަމައެކަނި ޝިއާރަކުން ނުވަތަ ލަަވަޔަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ވިސްނުމާއި، އުޅުމާއި، އަދި ހާއްސަކޮށް އަޅުގަނޑުމެން ބޭނުންކުރާ ބަހުގެ ތެރެއިން ފެންނަންޖެހޭ ކަމެކެވެ. ސާފު ދިވެހިބަހުން ވާހަކަދެއްކުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކި، ކޮންމެ ދިވެއްސަކުވެސް އެކަމަށް އަމަލީގޮތުން މަސައްކަތް ކުރަންޖެހެއެވެ. ބަސް ނެތިއްޖެ ނަމަ، އެ ގައުމެއްގެ އަމިއްލަވަންތަކަން ގެއްލި، ބަޔަކު ދުނިޔެއަށް ދައްކާނެ އަމިއްލަ ސިފައެއް ނޯންނާނެއެވެ.

ނިންމާލަމުން ދަންނަވާނީ، 2026 ވަނަ އަހަރުގެ ދިވެހިބަހުގެ ދުވަހާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ އަޒުމަކަށް ވާންޖެހޭނީ ސާފު ދިވެހިބަހުން ވާހަކަދެއްކުމުގެ ރީތި އާދަ އަށަގެންނެވުމެވެ. ސިޔާސަތުތައް ބައްޓަންކޮށް، ތައުލީމީ ނިޒާމުގެ ތެރެއިންނާއި އާއިލީ މާހައުލުން ބަހަށް ދޭ ސަމާލުކަން އިތުރުކޮށްގެން މެނުވީ މިކަން ހާސިލެއް ނުވާނެއެވެ. ގައުމިއްޔަތު ދިރުވާ އާލާކުރުމުގެ ތަޅުދަނޑިއަކީ ސާފު ދިވެހިބަހެވެ. އެހެންކަމުން، ފަޚުރުވެރިކަމާއެކު ސާފު ދިވެހިބަހުން ވާހަކަދައްކަމާ ހިނގާށެވެ!