ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލި ޚިޔާނާތުގެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށް، އޭނާ ރާއްޖެއިން ފުރުން މަނާކުރުމުގެ ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، ކްރިމިނަލް ކޯޓުން މި މައްސަލައަކީ މަދަނީ ތަބީއަތުގެ މައްސަލައެއް ކަމަށް ކަނޑައަޅައި، ޚިޔާނާތުގެ އުންސުރުތައް މާނަކޮށްފައިވަނީ ގާނޫނާ ޚިލާފަށެވެ. އެހެންކަމުން، ހައިކޯޓުގައި އެދިފައިވަނީ އެ ނިންމުން ބާތިލްކޮށް، އައްމަޓީގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އިސްތިއުނާފު މަރުހަލާ ނިމެންދެން އައްމަޓީ ރާއްޖެއިން ފުރައިގެން ގޮސްފާނެތީ، އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުނީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މި މައްސަލައަކީ ހުޅުމާލޭގައި 3,000 ހައުސިންގ ޔުނިޓް އެޅުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ބުކިން ފީ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައިގައި ލަނޑުލިބުނު ފަރާތްތަކަށް ސަރުކާރުން މިހާރު ވަނީ ވިނަރެސް މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.