އުމީ އެއާލައިން، މޯލްޑިވިއަނުން މުޅިން އަލަށް އޮސްޓްރޭލިއާއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަންގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، އަންނަ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު އެއް ފަހަރު އޮސްޓްރޭލިއާއަށް ދަތުރުތައް ކުރާނެއެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ތާރީޚުގައިވެސް ގައުމީ އެއާލައިނުން އޮސްޓްރޭލިއާ ފަދަ ދުރު މަންޒިލަކަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ.

މި ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދިޔައީ، މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސޮއިކުރެވުނު "ބައިލެޓަރަލް އެއާ ސާވިސަސް އެގްރީމަންޓް" ގެ ދަށުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް ހިންގުމުގައި ހުރި ގާނޫނީ ހުރަސްތައް މިހާރު ވަނީ ނެތިގޮސްފައެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ވިޔަފާރީގެ ދާއިރާއަށް އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދުނިޔޭގެ އެކި ކަންކޮޅުތަކާ ގުޅާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.

މޯލްޑިވިއަނުން އޮސްޓްރޭލިއާގެ ބާޒާރަށް ނުކުތުމާއެކު، އޮސްޓްރޭލިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދިވެހި ދަތުރުވެރިންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.