އާޖެންޓީނާ އާއި ބޮސްނިއާ އެންޑް ހެރްޒެގޮވީނާއަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ. މަޖިލީހުން ރުހުންދީފައިވަނީ އާޖެންޓީނާގެ ސަފީރުކަމަށް ޑރ. އަލީ ނަސީރު މުހައްމަދު އައްޔަންކުރުމަށާއި، ބޮސްނިއާގެ ސަފީރުކަމަށް އައިޝަތު ޝާން ޝާކިރު އައްޔަންކުރުމަށެވެ. މި ދެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސް މުއިއްޒު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރީ ވަކިވަކިން ވޯޓަށް އަހައިގެންނެވެ. އެގޮތުން އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރަށް ރުހުން ދިނުމަށް 55 މެންބަރުން ވޯޓު ދެއްވިއިރު، ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޝާން ޝާކިރަށް ރުހުން ދިނުމަށް 54 މެންބަރުން ވޯޓު ދެއްވިއެވެ. މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އާޖެންޓީނާގެ ސަފީރުކަމަށް ހަމަޖެއްސެވި ޑރ. އަލީ ނަސީރަކީ 1985 ވަނަ އަހަރުން ފެށިގެން ފޮރިން ސާވިސްގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އެމެރިކާ އާއި ކެނެޑާގެ ސަފީރުކަން ވެސް ކުރައްވާފައެވެ. ބޮސްނިއާގެ ސަފީރުކަމަށް ހަމަޖެއްސެވި ޝާން ޝާކިރަކީ ބަންގްލަދޭޝްގެ ސަފީރުކަމާއި ފޮރިން މިނިސްޓްރީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.