ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަންނަ މެއި މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، ބިން ހިއްކައި ނިމުމާއެކު ގޯތިތަކުގެ ރަޖިސްޓްރީ ހަދައި ހަވާލުކުރަން ފަށާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބިން ހިއްކައި ނިމުމާއެކު ސާވޭކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތް އެއްކޮށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ކަނޑައެޅި 5،000 ގޯއްޗަށް އެތަނުން ޖާގަ ހަމަނުވާތީ، އޭގެ ތެރެއިން ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅުގެ ލޭންޑްޔޫޒް ޕްލޭން އާންމުކޮށް ގުރުއަތު ނަގައި ނިމިފައިވީ ނަމަވެސް، ރަޖިސްޓްރީކޮށް ނުދެވި ވަނީ ބިން ހިއްކައި ނުނިމޭތީ ކަމަށެވެ.

ހުޅުމާލެ ފޭސް 2 އާއި ގުޅިފަޅުން ވެސް ގޯތި ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އޮފީހުން ބުނީ ހުޅުމާލެއިން 125 ގޯއްޗެއްގެ އިން ވަކިކޮށް ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ގުޅިފަޅުން ވެސް 169 ގޯއްޗެއް މިހާތަނަށް ވަނީ ހަވާލުކޮށްފައެވެ. ގޯތިތަކުގެ އާ އެގްރީމެންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.