ކޮންމެވެސް ދުވަހަކުން މަންމައަކަށް ވުމުގެ އުއްމީދު ކުރަމު ހެއްޔެވެ؟ އެހެންނަމަ ވީ އެންމެ އަވަހަކަށް އެކަމަށް ތިމާގެ ހަށިގަނޑު ތައްޔާރު ކުރާށެވެ. މިކަން ކުރެވޭނީ ދިރިއުޅުމުގެ ވައްޓަފާޅިވެސް ބަދަލު ކޮށްގެން ކަމަށްވާ ނަމަ އެކަންވެސް އަވަހަށް ކުރާށެވެ. އެމެރިކާގެ ޔޭލް ޔުނިވަރސިޓީ ސްކޫލް އޮފް މެޑިސިންގެ ޑިޕާޓްމަންޓް އޮފް އޮބްސްޓެޓްރިކްސް، ގައިނަކޮލޮޖީ އެންޑް ރީޕްރަޑަކްޓިވް ސައިންސަސް ގެ ކްލިނިކަލް ޕްރޮފެސަރ ޑޮކްޓަރ މެރީ ޖޭން މިންކިން އިރުޝާދު ދެނީ ދަރިއަކު ހޯދަން ގަސްތުކުރާނަމަ އެތައް އަހަރެއް ކުރިން އެކަމަށް ތައްޔާރު ވުމަށެވެ. ދުޅަހެޔޮ ވައްޓަފާޅިއަކަށް ފަރިތަ ވެފައިވާނަމަ ފަސޭހައިން ބަލިވެ އިނދެ، ދަރިމައިވުމުގެ ސިއްޙަތު ރަގަޅުވެ މަންމަ އާއި ދަރިފުޅަށް އެކަމުގެ ފައިދާ ކުރާނެއެވެ. އެހެންކަމުން މިއަދު ބަލާލާނީ މާބަނޑުވުމަށް ތައްޔާރު ވުމުގެ ގޮތުން ކުރުމަށް ސިއްޙީމާހިރުން ލަފާދޭ މުހިންމު ބައެއް ކަންކަމަށެވެ.
-
ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ ވަރެއްގައި ބެހެއްޓުން
ކޮންމެ މީހަކުވެސް އެމީހެއްގެ އިސްކޮޅާ ގުޅޭގޮތުން ބަރުދަން ބަހައްޓަންވީ އެންމެ ރަގަޅު ވަރެއް ވެއެވެ. އެއީ ބޮޑީ މާސް އިންޑެކްސްއެވެ. އެހެންކަމުން ހަށިގަނޑުގައި ހުންނަންވީ ބަރުދަން ބެހެއްޓުމަށް ސަމާލުކަން ދޭންވާނެއެވެ. ބަރުދަން އިތުރު ނަމަ ގަވާއިދުން މައްސަރު ކަންތައް ނުޖެހުމާ، ބަލިވެ އިނުމަށްފަހު ބައިގެންދިއުމާ، ހަކުރު ބަލި އަދި ލޭގެ ޕްރެޝަރު މައްޗަށް ދިއުން ފަދަ މައްސަލަ ތަކުގެ އިތުރު ވިހެއުމުގައި މައްސަލަތައް ކުރިމަތިވެ އޮޕަރޭޝަން ކުރަން ޖެހޭ ޙާލަތްތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. ހަމަ މިގޮތަށް މަންމަގެ ބަރުދަން ހުންނަންވާ ވަރަށްވުރެ ލުއިނަމަ ވިހާ ކުދިންގެ ބަރުދަން ލުއިވުމާއި، ދުވަސް ނުފުރާ ވިހެއުމުގެ އިތުރުން ތުއްތުދަރިފުޅުގެ ލޭމަދުވުން ފަދަ މައްސަލަތައް ދިމާވެއެވެ. ކަސްރަތު ކުރަމުން މިންހަމަ ކެއުމެއް ކާނަމަ ހަށިގަނޑު ހުންނަންވާ ބަރުދަނަށް ގެނައުމަށް އެހީތެރިކަން ލިބޭނެއެވެ. ނަމަވެސް މިކަމަށް ގިނަ މަސްތަކެއް ނުވަތަ އަހަރު ތަކެއް ވެސް ނަގާފާނެއެވެ. ދުޅަހެޔޮ ވައްޓަފާޅި ދުރާލާ ފަށަން ޖެހެނީ މިހެންވެއެވެ.
-
ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުން
ދުންފަތުގެ ސަބަބުން މާބަނޑުވުމަށް ހުރަސް އެޅުމުގެ އިތުރުން ބަނޑުގައިވާ ތުއްތުދަރިފުޅަށް އޭގެ ނުރައްކާ ފޯރައެވެ. ދުންފަތުގެ ސަބަބުން ހޯމޯން އުފެއްދުން މަދުކޮށް ދަރިމައިވާ ބިހުގެ ފެންވަރު ދަށްކޮށްލައެވެ. އަދި މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ ބައިގެންދިއުމުގެ ފުރުސަތު ބޮޑުވެ، ދުވަސް ނުފުރާ ވިހެއުމާ، ވިހާއިރު ކުއްޖާ މަރުވުމާއި ވިހެއުމަށްފަހު ކުއްލިއަކަށް ދަރިފުޅު މަރުވުން ފަދަ ނުރައްކަލާ ކުރިމަތިލާން ޖެހެއެވެ. މާބަނޑު ދުވަސްވަރު މައިމީހާ ދިރިއުޅޭ މާހައުލަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން އުޅޭ މާހައުލެއް ނަމަވެސް މައިމީހާގެ ބަނޑުގައިވާ ދަރިފުޅަށް އޭގެ ސަބަބުން ގެއްލުންވެއެވެ. އަދި ފިރިހެނުން ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދަރިފަނީގައިވާ ޑީ.އެން.އޭ އަށް އޭގެ ގެއްލުން ފޯރައެވެ.
-
މައްސަރުކަންތައް ބަލަމުން ދިއުން
ބަރުދަން އިތުރުވުމާއި ބަރުދަން ލުއިވުމުގެ އިތުރުންވެސް ގަވާއިދުން މައްސަރުކަންތައް ޖެހުމަށް ހުރަސް އަޅާ އެހެން ކަންކަން ހުރެއެވެ. މީގެ ތެރޭގައި ޕޮލިސިސްޓިކް އޮވަރިއަން ސިންޑްރޮމް، ބިސް ދަތުރުކުރާ ހޮޅީގެ ބަލިތައް، ތައިރޮއިޑް އަދި މައްސަރު ދުވަސްވަރު ގަދައަށް ބަނޑުގައި ރިއްސުންފަދަ ކަންތަކުގެ ސަބަބުން ގަވާއިދުން މައްސަރުކަންތައް ޖެހުމަށް ހުރަސް އެޅެއެވެ. މިފަދަ ކަމެއް ދިމާވާނަމަ އަވަހަށް ޑޮކްޓަރަކަށް ދައްކައިގެން މިކަމަށް ފަރުވާ ހޯދަން ވާނެއެވެ.
-
ޖިންސީ ގުޅުމުން އަރާބަލިތަކުން ދުރުވުމަށް ހުރަސް ބޭނުން ކުރުން
ޖިންސީ ގުޅުމުން އަރާބަލިތަކަކީ ވަރަށް ވޭންދެނިވި އަދި އޭގެ ސަބަބުން ދަރިމައިވުމަށް ހުރަސް އަޅާކަމެކެވެ. އަދި ފަރުވާ ނުކުރެވި ގިނަ ދުވަސްވާނަމަ ދަރިމައިވުމާ ގުޅޭ ގުނަވަންތައް ކަމަށްވާ ރަހިމު އަދި ބިސްދަތުރުކުރާ ހޮޅިއަށް ގެއްލުންވެއެވެ.
-
ޑޮކްޓަރަކާ މަޝްވަރާ ކުރުން
މާބަނޑުވާން މަސައްކަތް ކުރުމުގެ ކުރިން ޑޮކްޓަރަކަށް ދައްކާ ފުރިހަމަ ޓެސްޓްތަކެއް ކުރުމަކީ މުހިންމު ކަމެކެވެ. ޚާއްސަކޮށް ލޭމައްޗަށް ދިއުން، ހިތުގެ ބަލިތައް، ތައިރޮއިޑް އަދި ފިޓްޖެހުން ފަދަ ބައްޔަކަށް ފަރުވާކޮށް ބޭސް ބޭނުން ކުރާނަމަ މާބަނޑުވާން ވާނީ ޑޮކްޓަރެއްގެ ބެލުމުގެ ދަށުން ގަވާއިދުން ބެލެހެއްޓިގެނެވެ. އަދި ހަކުރުބަލީގެ މީހެއް ނަމަވެސް ޑޮކްޓަރުގެ އިރުޝާދު ހޯދަންވާނެއެވެ. މިފަދަ މައިންނަށް ލިބޭ ދަރިންގެ އައިބު ހުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
-
ވެކްސިންތައް ހަމަކުރުން
މާބަނޑުވުމަށް މަސައްކަތް ކުރާނަމަ ހަށިގަނޑުގެ ދިފާޢީ ނިޒާމަށް ކޮންމެހެން ބޭނުން ވެކްސިންތައް ފުރިހަމަ ކުރަންވާނެއެވެ. ފާނަބަސަންދު، އެމް.އެމް.އާރު ފަދަ ވެކްސިނަކީ މާބނޑު ދުވަސްވަރު ޖެހުން ރައްކާތެރި ވެކްސިންތަކެއް ނޫނެވެ. އަދި މޫސުމީ ރޯގާތަކަށް ޖަހާ ވެކްސިން އާއި ޓެޓްނަސް، ޑިޕްތީރިޔާ އަދި ޕަރޓުސިސް ވެކްސިންވެސް ފުރިހަމަ ކުރުން މުހިންމެވެ. މަންމައާ އެއްގޮތަށް ބައްޕަވެސް ވެކްސިން ފުރިހަމަ ކޮށްލުން އެދެވިގެން ވެއެވެ.
-
ދަތުގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުން
ދަތާއި ހިރުގަނޑުގެ ބަލިތަކުގެ ސަބަބުން ކިޑްނީއާއި ފުރަމެއަށް ގެއްލުންވެ، ދުވަސް ނުފުރާ ވިހެއުމުގެ އިތުރުން ބައިގެން ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން މާބަނޑުވުމުގެ ކުރިން ޑޮކްޓަރަކަށް ދައްކައިގެން މިފަދަ ކަމެއްހުރިނަމަ ފަރުވާ ހޯދަން ވާނެއެވެ. އެހެން ކަމަކަށް ވެސް އެކްސްރޭ އެއް ނަގަން ޖެހޭ ނަމަ އެކަން ކުރާށެވެ. މާބަނޑު އަންހެނުން އެކްސްރޭ ނެގުމަކީ ރައްކާތެރި ކަމެއް ނޫނެވެ.
-
ދޭތެރެދުރުކުރާ ބޭސް ކެއުން ހުއްޓާލުން
ދޭތެރެދުރުކުރުމަށް ބޭހެއް ކާނަމަ ބޭސް ހުއްޓާލުމަށް ވިސްނާށެވެ. ބޭސް ހުއްޓާލުމާއެކު ބައެއް އަންހެނުން ބަލިވެ އިންނަ ނަމަވެސް އަނެއްބައި އަންހެނުންގެ މައްސަރުކަންތައް ގަވާއިދަކަށް ފެތި އެކަން ހާޞިލް ކުރުމަށް ގިނަ މަސްތަކެއް ނަގައެވެ. އައި.ޔޫ.ޑީ އެއް އިންނަމަ އެވެސް ނަގާ، އިންޖެކްޝަން ޖަހާނަމަ ބަލިވެ އިންނަން މަސައްކަތް ކުރުމުގެ 3 މަސް ކުރިން ހުއްޓާލާށެވެ. މި މުއްދަތުގައި ހުރަސް ބޭނުން ކުރުން އަދި ޠަބިޢީ ގޮތުން ދޭތެރެ ދުރުކުރުން ބުއްދިވެރިއެވެ.
-
ފިކުރުތަކުން ދުރުވުން
ފިކުރުބޮޑުވެ ހާސްކަމުގައި އުޅެނިކޮށް މައްސަރުކަންތައް ގަވާއިދުން ކައްސާލައިގެން ދިޔަ ހެއްޔެވެ؟ އެހެން ވެއްޖެނަމަ އޭގެ މާނައަކީ ފިކުރުކުރުމުގެ ސަބަބުން މައްސަރުކަންތަކަށް އަސަރު ކުރުމެވެ. މީގެ ސަބަބުން ބަލިވެ އިންނަމަވެސް ހަރު ނުލާ ބައިގެން ދިއުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން ހާސްވެ ފިކުރުކުރަން ޖެހޭ ކަންކަން ހުރިނަމަ އެކަންތައް ހައްލުކުރުމަށް މަސައްކަތް ކުރާށެވެ.
-
ފޮލިކް އެސިޑް އަދި ވިޓަމިން ބޭނުން ކުރަން ފެށުން
ބަލިވެ އިނުމަށް މަސައްކަތް ކުރުމުގެ 3 މަސް ކުރިން ފޮލިކް އެސިޑް ކާން ފަށަން ވާނެއެވެ. ދުވާލަކު 400 މިލިގްރާމްގެ ފޮލިކް އެސިޑް ބޭނުން ކުރުމާއެކު ދަރިމައިވުމަށް އެހީތެރިވެދޭ ބައެއް ކާނާ ކަމަށްވާ ފެހިކަންގަދަ ފަތާ ތޮޅީގެ އިތުރުން ގޮވާމުގެ ބާވަތްތައް އަދި ހުތްމޭވާ ބޭނުން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދެއެވެ. އަދި ހަމަ މިއާއި އެކު ވިޓަމިން ބީ-6، ބީ-12، ވިޓަމިން ސީ، ޑީ، އީ، ދަގަނޑު، އޮމެގާ ފެޓީ އެސިޑް އަދި ޒިންކް ފަދަ ވިޓަމިން ތަކަކީވެސް ދަރިމައިވުމަށް އެހީތެރިވެދޭ މާއްދާތަކެވެ.
-
ފިރިމީހާގެ ހުރަވަޅި ފިނިކޮށް ބެހެއްޓުން
ފިރިމީހާގެ ހުރަވަޅިއަށް ހޫނުވާ ގޮތަށް ގިނަ ވަގުތު ހޭދަވާ ނަމަ ދަރިފަނީގެ ސިއްޙަތުދަށްވުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ޑޮކްޓަރުން ފާހަގަ ކުރާ އެންމެ މުހިންމު ދެ ކަމަކީ ބިލިގާއަށް ހޫނުފެން އަޅައިގެން ގިނައިރު ހޭދަ ނުކުރުމާއި އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެން ގިނަ ވަގުތު މަސައްކަތް ނުކުރުމެވެ. ބައެއް މީހުން މިކަން ޙާޞިލުކުރުމަށް ބާރު ޖަންގިޔާގެ ބަދަލުގައި ދޫކޮށް ހުންނަ ބޮކްސަރއަށްވެސް ބަދަލު ކުރެއެވެ.
-
މިންހަމަ ކެއުމެއް ކެއުން
ބަލިވެ އިނދެ ސިއްޙަތު ރަގަޅު ކުއްޖަކު ވިހާ މައިމީހާގެ ސިއްޙަތު ރަގަޅަށް ބެހެއްޓުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ ކަމަކީ މޭވާ، ތަރުކާރީ ގޮވާން އަދި ފަތުގެ ބާވަތްތަކެވެ. މިކަމަށް ސަމާލުކަން ދިނުމާއި އެކު ހިބަރު މަސް، މިޔަރު މަސް، ރަގަޅަށް ރޯ ނުފިލުވާ ހުންނަ ބިސް، ނުކައްކާ ހުންނަ އެއްގަމު އަދި ކަނޑުމަހުގެ ބާވަތްތައް ކެއުމުން ދުރުހެލިވާންޖެހެއެވެ.
-
ކެފެއިން މަދުކުރުން
މާގިނައިން ކެފެއިން ބޭނުން ކުރާނަމަ ދަރިމައިވުމުގައި މައްސަލަޖެހުން ގާތެވެ. އެހެންކަމުން މި ދުވަސްވަރު ދެތަށި ކޮފީއަށްވުރެ އިތުރަށް ބޭނުން ނުކުރުމަށް ސިއްޙީމާހިރުން އިރުޝާދު ދެއެވެ. މީގެ އިތުރުންވެސް ކަޅުސައި، ޗޮކްލެޓް، ސޮޑާ ފަދަ ބައެއް އެހެން ކާތަކެތީގައިވެސް ކެފެއިން އެކުލެވިގެންވާތީ އެކަމަށްވެސް ސަމާލުކަން ދޭންވާނެއެވެ.
