ސައުތު އެފްރިކާގެ ޑަރބަންގައި ހުންނަ ގްރޭ ސްޓްރީޓް މިސްކިތުގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.  ކުއްލި ޙާލަތުގައި މަސައްކަތްކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި މިސްކިތުގައި ރޯވި އަލިފާންގަނޑު ބޮޑުވެ ކައިރީގައިވާ 3 އިމާރާތަކަށް ވަނީ ގެއްލުން ވެފައެވެ. މި ހާދިސާއާ ގުޅޭ ވީޑިއޯ ތަކުން ފެންނަ ގޮތުގައި، އެންމެ ފުރަތަމަ އަލިފާން ގަނޑު ބޭރަށް ފަޅައިގެން ދިޔައީ ދެ ބުރިއަށް ހެދިފައިވާ މިސްކިތުގެ ފުރާޅުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހޯދިފައި ނުވާ އިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވީ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. މިސްކިތުގައި ރޯވި އަލިފާންގަނޑު ވަނީ 2 ގަޑި އިރުގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައެވެ.

އެއް ފަހަރާ 7،000 މީހުނަށް ނަމާދު ކުރެވޭ ގޮތަށް ހެދިފައިވާ މި މިސްކިތަކީ އެފްރިކާ މުސްލިމުގެ ވަރަށް ޚާއްސަ ލޯތްބެއް ދެވިފައިވާ ބިނާ އެކެވެ.