މިހާރު ކުރިއަށްދާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލްގައި ޕޮލެންޑްގެ ހުބާޓް ހުރްކާޒް އަތުން ބަލިވި މެޗަށްފަހު ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ ރިޓަޔާކުރަން އުޅޭ ކަހަލަ އިޝާރާތެއްދީފިއެވެ.

މިދިޔަ ބުދަ ދުވަހު ވިމްބަލްޑަންގެ ސެންޓަ ކޯޓުގައި ކުޅުނު ކުއާޓާ ފައިނަލްގެ ހަތަރުވަނަ މެޗުން 14 ވަނަ އަށް ސީޑްކުރެވިފައިވާ ހުރްކާޒް އަތުން ފެޑެރާ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ހުރްކާޒް ގެންދިޔައީ 6-3، 7-6 އަދި 6-0 އިންނެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ފެޑެރާ ވަނީ ފަހަރުގައި މިއީ ވިމްބަލްޑަން ޓެނިސް މުބާރާތުން އޭނާ ފެނިގެންދާނެ ފަހު އަހަރު ކަމަށް ވެދާނެ ކަމަށް ބުނެފައެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އޭނާ އަށް ދީފައިވާ ތަރުހީބާއި ލޯތްބަށް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައިވެއެވެ.

"ކުޅިބަލަން ވަތް ސަޕޯޓަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނު. އެއީ އަހަރެން ޓެނިސް ކުޅޭ ސަބަބަކީ ވެސް. ވޭތުވެދިޔަ އަހަރުތަކުގައި ވެސް އަހަރެންނަށް ދިން ތަރުހީބާއި ލޯތްބަށް ޝުކުރުއަދާކުރަން،" ފެޑެރާ ބުންޏެވެ.

އުމުރުން 39 އަހަރުގެ ފެޑެރާ ބުނީ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާއާ ހިސާބުން ވަކިވާންޖެހުނު ނަމަވެސް މި ފަހަރުގެ މުބާރާތުގައި ކުޅެވުނު ލެވެލްއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ވޭތުވެދިޔަ ތަނުގައި ކުރިމަތިވި ގޮންޖެހުންތަކަށްފަހު ރަނގަޅު ފެންވަރެއްގައި ކުޅެވުމަކީ ހާއްސަވާ އެއް ސަބަބު ކަމަށެވެ.

މީގެއިތުރުން، ފެޑެރާ ވަނީ މިހާރު އޭނާ ގުނަމުންދަނީ ކުރީގެ ޒުވާން ދުވަސްތައް ނޫން ކަމަށާއި އުމުރުން ދޮށިވުމާ އަނިޔާގެ މައްސަލަތަކާ ހުރެ ކުރިއަށް އޮތް މުބާރާތްތަކުގައި ކުޅެވޭނެ ކަމާ މެދު އަދި އެއްޗެއް ބުނަން ނޭނގޭ ކަމަށް ވެސް ބުނެފައެވެ.

ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް 20 ފަހަރު ކާމިޔާބުކޮށްފައިވާ ފެޑެރާ އަށް މިދިޔަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ލިބުނު އަނިޔާއަށް ފަހު ކުޅުމަށް އެނބުރިއައީ މިއަހަރުގެ މާރިޗް މަހުގައި ކުރިއަށްދިޔަ ގަތަރު އޯޕަންގައެވެ. އޭގެފަހުން، މިދިޔަ ޖޫން މަހު ކުޅެވުނު ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން ވަކިވާން ނިންމީ ވެސް ކަކުލަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުނުވާތީ ކަމަށް ފެޑެރާ ވަނީ ބުނެފައެވެ.