ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަވައިފިއެވެ. މި ގެންނެވި ބަދަލުތަކުގެ ތެރޭގައި ބައެއް މިނިސްޓްރީތައް އުވައިލުމާއި، މުޅިން އާ މިނިސްޓްރީއެއް އުފެއްދުމުގެ އިތުރުން، ގިނަ މިނިސްޓްރީތަކެއްގެ ނަން ބަދަލުކުރައްވައި ދާއިރާތައް ވަނީ އަލުން ތަރުތީބުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މި ބަދަލުތައް މިއަދުން ފެށިގެން އާންމުކޮށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
މި ބަދަލުތަކުގެ ދަށުން މުޅިން އަލަށް އުފައްދަވާފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއެވެ. މީގެ އިތުރުން ޖުމްލަ 6 މިނިސްޓްރީއެއް އުވައިލައްވާފައިވާއިރު، އޭގެ ތެރޭގައި އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީ އާއި، ޓްރާންސްޕޯޓް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ހިމެނެއެވެ. އުވައިލެވުނު މިނިސްޓްރީތަކުގެ މަސައްކަތްތައް ވަނީ އެހެން މިނިސްޓްރީތަކުގެ ދާއިރާތަކުގެ ތެރެއަށް ބަދަލުކުރައްވާފައެވެ.
މި ބަދަލާއެކު ގިނަ މިނިސްޓްރީތަކެއްގެ ނަމަށް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް" އަށް ބަދަލުކުރައްވައި، ހެލްތު މިނިސްޓްރީގެ ނަން "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ" އަށް ވަނީ ބަދަލުކުރައްވާފައެވެ. އަދި އިކޮނޮމިކް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީގެ ނަމަށްވެސް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ.
މި ބަދަލުތަކާއެކު ބައެއް މުހިންމު އިދާރާތަކުގެ ބެލެނިވެރިކަންވެސް ވަނީ ބަދަލުވެފައެވެ. އެގޮތުން އެންސްޕާ އާއި ފިޔަވަތި ފަދަ އިޖުތިމާއީ ހިދުމަތްދޭ ތަންތަން މިހާރު ހިނގަމުންދާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. އަދި ނޭޝަނަލް އާޓް ގެލެރީ އާއި ގައުމީ ކުތުބުހާނާ ފަދަ ތަންތަން ވަނީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރައްވާފައެވެ. ސަރުކާރުގެ އަމާޒަކީ މި ބަދަލުތަކާއެކު ހިދުމަތްތައް ދިނުމުގައި މިހާރަށްވުރެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ.
