ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. އެ އޮފީހުން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެފައިވަނީ އުފެދިފައިވާ ވިލާގަނޑެއްގެ ސަބަބުން ކަމަށެވެ. މޫސުން ގޯސްވި ނަމަވެސް، އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. މީގެ އިތުރުން މެއި މަހުގެ މެދެއްހާ ތަނުން ފެށިގެން ހުޅަނގު މޫސުމުގެ ވިއްސާރަ ފެށޭނެ ކަމަށް ލަފާކުރެވޭތީ، ދެ މޫސުން ބަދަލުވާ ދުވަސްވަރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.