އެމެރިކާއަށް ކުރައްވާ ދައުލަތުގެ ދަތުރުފުޅުގައި، ޖެފްރީ އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންނާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތުގެ ރާނީ ކެމީލާއަށް، ލޭބާ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު ބެރޮނަސް ހެރިއެޓް ހާމަން ގޮވާލައްވައިފިއެވެ. އަންހެނުންނާއި އަންހެން ކުދިންނަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު ހާމަން ވިދާޅުވީ، އަނިޔާ ލިބިފައިވާ އެހެން އަންހެނުންނާ ރާނީ ބައްދަލުކުރައްވާއިރު، މި މައްސަލައިގައި އަނިޔާ ލިބުނު މީހުންނާ ބައްދަލުކުރަން އިންކާރުކުރެއްވުމަކީ ރާނީ ކުރައްވާ މަސައްކަތްޕުޅުތަކާ ފުށުއަރާ ކަމެއް ކަމަށެވެ.
ރަސްގެފާނު ޗާލްސް އާއި ރާނީ ކެމީލާ އެމެރިކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރައްވާ ދަތުރުފުޅެކެވެ. އެޕްސްޓީންގެ ޝިކާރައަކަށްވި ވާޖިނިއާ ގިފްރޭގެ އާއިލާއިން ރާނީއާ ބައްދަލުކުރުމަށް އެދިފައިވާއިރު، ބަކިންހަމް ޕެލަސްގެ އޮފީހުން ބުނީ އެޕްސްޓީންގެ މައްސަލައިގައި އިނގިރޭސި ފުލުހުންގެ ތަހުގީގުތައް އަދިވެސް ހިނގަމުންދާތީ، އެފަދަ ބައްދަލުވުމެއް ބޭއްވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލައަކީ ޝާހީ އާއިލާއާ ސީދާ ގުޅުންހުރި މައްސަލައަކަށް ވާތީ ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. އެޕްސްޓީންގެ މައްސަލައިގައި ޝާމިލުވާކަމުގެ ތުހުމަތުގައި ރަސްގެފާނުގެ ކޮއްކޯފުޅު އެންޑްރޫ ވަނީ ފެބްރުއަރީ 2026 ގައި ހައްޔަރުކޮށް، ތަހުގީގަށްފަހު ދޫކޮށްލާފައެވެ. ރާނީ ކެމީލާއަކީ ޖިންސީ އަނިޔާ ލިބޭ އަންހެނުންގެ ހައްގުގައި މަސައްކަތްޕުޅު ކުރައްވާ ބޭފުޅަކަށް ވީނަމަވެސް، އާއިލީ މި ގުޅުމުގެ ސަބަބުން މި ބައްދަލުވުން ބޭއްވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
