ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކަށް މިޔަރެއް ހަމަލާދީ، ލިބުނު ބޮޑެތި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންއަށް ނިސްބަތްވާ ފިރިހެން ޓޫރިސްޓަކަށެވެ.

ފުލުހުންގެ އޮފީހުން ބުނީ، މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި އެ މީހާގެ ދެ ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ އެއް ފަޔަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން އެ ފައި މިހާރު ވަނީ ބުރިކޮށްލާފައެވެ. އޭނާއަށް ފުރަތަމަ ފަރުވާދިނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މި ޓޫރިސްޓަކީ އޭނާގެ އަނބިމީހާއާއެކު ހަނީމޫން ދަތުރަކަށް ރާއްޖެ އައިސް އުޅުނު، އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ. މި ހާދިސާ ހިނގި ކޫއްޑޫ ކައިރިއަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު "ޝާކް ޕޮއިންޓް" އެއް އޮންނަ ސަރަހައްދެކެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.