މެލްބަންގެ ނައިޓް ކްލަބެއްގައި 2010 ވަނަ އަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ، ބަތަލާ ރޫބީ ރޯޒް ކުރި ތުހުމަތުތައް އޮސްޓްރޭލިއާގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މެލްބަން ފުލުހުން ބުނީ މި މައްސަލަ ބަލަމުންދަނީ އެ އިދާރާގެ ޖިންސީ ގޯނާގެ މައްސަލަތަކަށް ހާއްސަ "ސެކްޝުއަލް އޮފެންސަސް އެންޑް ޗައިލްޑް އެބިއުޒް އިންވެސްޓިގޭޝަން ޓީމު" އިން ކަމަށެވެ.

ރޫބީ ރޯޒް ސޯޝަލް މީޑިއާގައި ބުނީ، ކޭޓީ ޕެރީ އޭނާއަށް ޖިންސީ ގޯނާކުރުމުން އެވަގުތު އޭނާ ހޮޑުލެވުނު ކަމަށެވެ. އަދި މިކަން މިހާ ދުވަހު ސިއްރުކުރީ އޭނާގެ އެމެރިކާ ވިސާ ހޯދުމުގައި އެހީތެރިވާނެ ކަމަށް ކޭޓީ ބުނުމުން ކަމަށްވެސް ރޫބީ ބުންޏެވެ. އޭނާ ބުނާ ގޮތުގައި މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބި މީހުންނާއި އޭނާގެ އަތުގައި ހުރި ފޮޓޯތަކުން މިކަން ސާބިތުވާނެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ކޭޓީ ޕެރީގެ މަންދޫބަކު ބުނީ، މިއީ އެއްވެސް އަސާސެއް ނެތް ނުރައްކާތެރި ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރޫބީއަކީ މީގެ ކުރިންވެސް އެކި މީހުންނާ ބެހޭގޮތުން ސޯޝަލް މީޑިއާގައި މިފަދަ ދޮގު ތުހުމަތުތައް ކޮށްފައިވާ މީހެއް ކަމަށްވެސް ކޭޓީގެ ފަރާތުން ބުންޏެވެ. މި ދެ ތަރިންގެ ދެމެދުގައި މީގެ ކުރިންވެސް ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.