އިންސާނާ މި ދުނިޔެއަށް އުފަންވަނީ ހުސް ސަފުހާއެއްގެ ގޮތުގައެއް ނޫނެވެ. އިންސާނާގެ ރޫޙާއި ނަފްސުގެ ތެރޭގައި ޢިލްމާއި ހިކުމަތުގެ ކޮށާރުތަކެއް ފޮރުވިފައިވެއެވެ. މިކަން އެންމެ ބޮޑަށް އެއްގޮތްކުރެވެނީ ބިމުގެ އަޑީގައި ފޮރުވިފައިވާ އޮށަކާއެވެ. އޮށުގެ ތެރޭގައި ބޮޑު ގަހަކަށް ވުމުގެ ހުރިހާ ފުރުސަތެއް ފޮރުވިފައިވާ ފަދައިން، ކޮންމެ އިންސާނެއްގެ ކިބައިގައިވެސް މޮޅު ޢާލިމަކަށް ނުވަތަ ޙަކީމަކަށް ވުމުގެ ޤާބިލުކަން ލައްވާފައިވެއެވެ. ނަމަވެސް އެ އޮށުން ގަހެއް ފަޅައި، މޭވާ އަޅާނީ އެއަށް ބޭނުންވާ ފެނާއި ކާނާ ލިބިގެންނެވެ. ހަމައެފަދައިން، އިންސާނާގެ ކިބައިގައިވާ ފޮރުވިފައިވާ ޢިލްމު ފާޅުވެ، ހަގީގީ ބޭނުން ހިފޭ އެއްޗަކަށް ވަނީ އުނގެނުމުގެ ތެރެއިންނެވެ.
ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ އިންސާނާއަށް އުނގަންނައިދެއްވި ކަމުގެ މުހިންމުކަން ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަހީކުރައްވާފައިވެއެވެ. "اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ * خَلَقَ الْإِنْسَانَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الْأَكْرَمُ * الَّذِي عَلَّمَ بِالْقَلَمِ * عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ" (ސޫރަތުލް ޢަލަޤް: 1-5). މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) އުފެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ އިންސާނާ އުފެއްދެވީ ގަނޑުލޭކޮޅަކުންނެވެ. ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ ގަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް ނޭނގޭ ކަންތައް އެކަލާނގެ އޭނާއަށް އުނގަންނައިދެއްވިއެވެ." މިއިން އެނގެނީ އިންސާނާގެ ކިބައިގައިވާ ޖާހިލުކަން ފިލުވައި، ފޮރުވިފައިވާ ހުނަރުތައް ކުރިއަށް ނެރެދެނީ އުނގެނުމުގެ ތެރެއިން ކަމެވެ.
މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްކޮޅަކަށް ބަލާއިރު، ޢިލްމު ހޯދުމަކީ ހަމައެކަނި މަޢުލޫމާތު އެއްކުރުމެއް ނޫނެވެ. އޭނާ ވިދާޅުވެފައިވާގޮތުގައި ތަޢުލީމަކީ ހަމައެކަނި ތިބާގެ ބޮލަށް އަޅާލެވޭ މަޢުލޫމާތެއް ނޫނެވެ. އެކަމަކު އެއީ އެ ޢިލްމެއްގެ ސަބަބުން ތިބާއަކީ ކޮންފަދަ މީހެއްކަން ކަނޑައަޅައިދޭ ކަމެކެވެ. މި ބަސްކޮޅުން ދޭހަވަނީ، އުނގެނުމުގެ ސަބަބުން އިންސާނާގެ ނަފްސުގެ ތެރޭގައިވާ "އޮށް" ފަޅައި، އޭނާގެ އަޚްލާޤާއި ސޫރަ ބަދަލުވެ، ފުރިހަމަ އިންސާނަކަށް ވުމަށް މަގުފަހިވާ ކަމެވެ.
އިންސާނާގެ ރޫޙުގައިވާ ޢިލްމަކީ ބިމުގައި ފޮރުވިފައިވާ ރަނުގެ މައުދަނެއް ފަދަ އެއްޗެކެވެ. އެ ރަން ނެގުމަށްޓަކައި ބިން ކޮންނަންޖެހޭ ފަދައިން، އިންސާނާގެ ކިބައިގައިވާ ވިސްނުމާއި ފިކުރުގެ ބާރުތައް ބޭނުންކުރަން ފަށަނީ އުނގެނުމުގެ ތެރެއިންނެވެ. އުނގެނުމަކީ ނަފްސުގެ ތެރޭގައިވާ ފޮރުވިފައިވާ ގާބިލުކަން ހަގީގަތަކަށް ބަދަލުކޮށްދޭ ފާލަމެކެވެ. ކިޔެވުމާއި، ތަޖުރިބާ ހޯދުމާއި، ދުނިޔޭގެ ކަންކަމާމެދު ފިކުރު ހިންގުމުން، ކުރިން ނޭނގި އޮތް އެތައް ހަގީގަތްތަކެއް އިންސާނާއަށް ފެންނަން ފަށައެވެ. މިއީ އިންސާނާގެ ކިބައިގައިވާ ގާބިލުކަމުގެ ފުރުސަތުތައް ހަގީގަތަކަށް ބަދަލުވާ މަރުހަލާއެވެ.
ކޮންމެ އިންސާނަކީވެސް ޢިލްމުގެ މުއްސަނދިކަން ދެއްވާފައިވާ މީހެކެވެ. ނަމަވެސް އެ މުއްސަނދިކަމުގެ ބޭނުން ހިފޭނީ އުނގެނުމުގެ ބުރަ މަސައްކަތް ކޮށްގެންނެވެ. އޮށަކަށް ބޭނުންވާ ފެނާއި އަވީގެ އެހީގައި އެ އޮށް ބޮޑު ގަހަކަށްވާ ފަދައިން، އިންސާނާގެ ނަފްސަށް ބޭނުންވާ ޢިލްމާއި ތަރުބިއްޔަތު ލިބުމުން އޭނާގެ ކިބައިގައިވާ ކުޅަދާނަކަން ފާޅުވެގެންދެއެވެ. އެހެންކަމުން، އުނގެނުމަކީ ހަމައެކަނި ފޮތްތަކެއް ކިޔުމެއް ނޫނެވެ. އެއީ އިންސާނާގެ އަމިއްލަ ނަފްސު ދެނެގަނެ، އޭނާގެ ކިބައިގައިވާ ފޮރުވިފައިވާ ޖަވާހިރުތައް ދުނިޔެއަށް ދައްކައިދޭ މަސައްކަތެވެ.
ހަވާލާ: މުފްތީ މެންކުގެ ދަރުހަކުން 2025.
