ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފިއެވެ. މި ކަދުރުތައް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ސައުދީ އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، 2004 ވަނަ އަހަރު މި އެހީ ތައާރަފްކުރި ހިސާބުން ފެށިގެން މިވީ 22 އަހަރުގެ ތެރޭގައި ސައުދީން މެދުކެނޑުމެއް ނެތި ރާއްޖެއަށް ކަދުރު ހަދިޔާކުރަމުންދާ ކަމަށެވެ. މިއީ ސައުދީ އަރަބިއްޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް އުހުއްވަތްތެރި ގުޅުން ދައްކުވައިދޭ ކަމެއްކަން ފާހަގަކުރައްވައި، ވަޒީރު ވަނީ އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ ކުރިންވެސް ސައުދީގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ.
