އެމެރިކާގެ ކަނޑުގެ ސިފައިން ބޭނުންކުރާ އެންމެ ޒަމާނީ އެއް ޑްރޯން ކަމަށްވާ "އެމްކިއު-4ސީ ޓްރައިޓަން" ޕާޝިއަން ގަލްފަށް ވެއްޓިފައިވާ ކަމަށް އެމެރިކާ އިން ރަސްމީކޮށް އެއްބަސްވެއްޖެ އެވެ. މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު ހިނގި މި ހާދިސާގައި 240 މިލިއަން ޑޮލަރުގެ އަގުބޮޑު މި ޑްރޯން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުންޏެވެ.

މި ޑްރޯން ގެއްލިފައިވަނީ ޕާޝިއަން ގަލްފުގެ ސްޓްރެއިޓް އޮފް ހޯމުޒް ކަނޑުއޮޅި ކައިރިން ދަތުރުކުރަނިކޮށެވެ. މައުލޫމާތު ލިބޭ ގޮތުގައި، ޑްރޯން ވެއްޓުމުގެ ކުރިން ކުއްލި ހާލަތުގެ ސިގްނަލްތަކެއް ފޮނުވާފައިވެ އެވެ. އެމެރިކާގެ ކަނޑުގެ ސިފައިން މިހާތަނަށް ޑްރޯން ވެއްޓުނު ސީދާ ސަރަހައްދާއި އެކަމުގެ ސަބަބު ހާމަކޮށްފައެއް ނުވެ އެވެ. އޮފީހުން ބުނީ މި ހާދިސާ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، މި ޑްރޯން ވައްޓާލާފައިވަނީ އީރާނުގެ ވައިގެ ދިފާއީ ނިޒާމުންނެވެ. ނަމަވެސް އެމެރިކާގެ އޮފިޝަލުން މިކަން އަދި ކަށަވަރު ކޮށްދީފައެއް ނުވެ އެވެ. އީރާނާ އެކު އޮތް ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި މިފަދަ އަގުބޮޑު ޑްރޯނެއް ގެއްލުމަކީ އެމެރިކާއަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އިންޓަނޭޝަނަލް މީޑިއާތަކުން ސިފަކުރެ އެވެ.

"އެމްކިއު-4ސީ ޓްރައިޓަން" އަކީ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓައި މައުލޫމާތު އެއްކުރުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ޑްރޯނެކެވެ. މިއީ ވަރަށް މަތިން އަދި ގިނަ ވަގުތު ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ، އެމެރިކާގެ އަސްކަރިއްޔާގައި އޮތް އެންމެ މަދު އަދި އެންމެ އަގުބޮޑު އެއް ވަސީލަތެވެ. މި ޑްރޯން ވެއްޓުނު ސަބަބު ހޯދުމަށް ކުރާ ތަހުގީގު ނިމުމުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން ބުންޏެވެ.