އިސްރާއީލުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނެޓިވޮޓަށް އެތައް ހާސް ކުޅަނދުރެއް ކުއްލިގޮތަކަށް އައިސް ބޮޑު މުސީބާތެއް ކުރިމަތިވެއްޖެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ސަރަހައްދުގެ އާންމު ދިރިއުޅުމަށް ވެސް ބަނީ ބުރޫއަރާފައެވެ. މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގެ ރައްޔިތުން ގޭގެ ދޮރުތަކާއި ކުޑަދޮރުތައް ލައްޕައިގެން ތިބުމަށް އިލްތިމާސްކޮށްފައެވެ.

ގައްޒާ ބޯޑަރު ކައިރީގައި އޮންނަ މި ސިޓީގެ މަގުތަކާއި، ކާރުތަކާއި، އަދި ފިހާރަތަކުގެ ކުރިމަތީގައި ކުޅަދުރުގެ ބޮޑެތި ބައިގަނޑުތަކެއްގެ ގޮތުގައި ފެތުރިފައިވާ މަންޒަރު ފެންނަ ވިޑީއޯތައް ސޯޝަލް މީޑިއާގައި  އަންނަނީ ދައުރުވަމުންނެވެ. ކަމާބެހޭ ފަރާތްތަކުން ބުނީ މިހާތަނަށް މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައެއްނުވެއެވެ.  މި ކުޅަނދުރުތައް ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިޒްރޭލުގެ އޮފިޝަލުން ބުނެއެވެ. 

މި ދާއިރާގެ މާހިރުން ބުނާ ގޮތުގައި، މިއީ ބަހާރު މޫސުމުގައި ކުޅަނދުރުތައް އާ ހާއްޔެއް ހޯދުމަށް ކުރާ ގުދުރަތީ ދަތުރެކެވެ. 

ކުޅަނދުރުތަކުގެ ހާލި ތޮއްޖެހުމުން، "ކުއީން ބީ" އާ އެކު އާއިލާގެ ބައެއް މެންބަރުން ވަކިވެގެން އާ ތަނެއް ހޯދުމަށް ނުކުމެއެވެ. ބައެއް މީހުން މިއީ ދީނީ އިންޒާރެއްގެ ގޮތުގައި ސިފަކުރި ނަމަވެސް، މާހިރުން ބުނަނީ މިއީ އާންމުކޮށް ހިނގާ ގުދުރަތީ ކަމެއް ކަމަށެވެ.