ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ބަލައިގަތުމަށްޓަކައި، 24 ގަޑިއިރު ޚިދުމަތްދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރި މި ބިއުރޯއަކީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިޢުލާން ކުރެއްވި ފަދައިން، ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެމީހުންގެ އަޑު އެންމެ މަތީ ފަންތީގައި އިއްވުމަށް ހުޅުވާލި ފުރުސަތެކެވެ. މި ބިއުރޯގެ ދަށުން 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއްގެ އިތުރުން، އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ބަލަހައްޓާނެ ޑިޖިޓަލް ސިސްޓަމެއްވެސް ގާއިމުކުރެވޭނެއެވެ.
މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ރައްޔިތުން ހުށަހަޅާ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބުދާރީވުމެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ބިއުރޯގެ އަމަލީ މަސައްކަތްތައް މިއަހަރުގެ މެދުތެރޭގައި ފެށޭނެއެވެ. މިހާރު ކުރިއަށްދަނީ ބިއުރޯއަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތެވެ.
