މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީގެ މެންބަރުންނަށް ބަދަލު ގެންނަވައިފިއެވެ.
މި ބަދަލު ގެންނަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ އޮނިގަނޑަށް މިފަހުން ގެންނެވި ބަދަލުތަކާ ގުޅިގެން، މި މަހުގެ 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މި ކޮމެޓީއަކީ މެދުއިރުމަތީގެ ހާލަތު ދިރާސާކޮށް، ރާއްޖެއިން ކަނޑައަޅަންޖެހޭ ސިޔާސަތުތަކާ ގުޅޭގޮތުން ލަފާދިނުމަށް މިދިޔަ ފެބުރުވަރީ މަހު އުފެއްދެވި ކޮމެޓީއެކެވެ.
އަލަށް ގެނައި ބަދަލާއެކު ކޮމެޓީގެ ޗެއަރއަކަށް ހަމަޖައްސަވާފައިވަނީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރުއެވެ. ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ:
އިރުތިޝާމް އާދަމް: މިނިސްޓަރ އޮފް ފޮރިން އެފެއާޒް
މުޙައްމަދު ސަޢީދު: މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
އަޙްމަދު ޝިޔާމް: މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް
މުޙައްމަދު އަމީން: މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
މި ބަދަލުތަކާއެކު ކޮމެޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، މެދުއިރުމަތީގެ މައްސަލަތަކުގައި ރާއްޖެއިން ގެންގުޅޭ އުސޫލުތައް ކަނޑައެޅުމުގައި މި ވަޒީރުން އިސްދައުރެއް އަދާކުރައްވާނެއެވެ.
