ދުނިޔޭގެ މަޝްހޫރު މަހުޖަނު އަދި ޓެސްލާ އާއި އެކްސްގެ ސީއީއޯ އީލޮން މަސްކް، ކޮވިޑް-19 ވެކްސިނާ ގުޅޭގޮތުން ދެއްކި ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވައިރަލްވެ، ވެކްސިންގެ ފައިދާއާ މެދު އަނެއްކާވެސް ބޮޑު ބަހުސެއް އުފެދިއްޖެއެވެ.
މަސްކް ކުރި ކޮމެންޓެއްގައި ބުނެފައިވަނީ، އޭނާއަށް ލިބުނު ވެކްސިންގެ ޑޯޒް މާ މަތި ކަމަށާއި، ތަކުރާރުކޮށް ވެކްސިން ޖެހުމަކީ ގެއްލުން ހުރި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒަށްފަހު އޭނާ ވަރަށް ބޮޑަށް ބަލިވި ކަމަށްވެސް އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް މަސްކް ބުނެފައިވެއެވެ. މި ވާހަކަތަކާ ގުޅިގެން، ވެކްސިންގެ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސިއްހީ މާހިރުންނާއި ސައިންޓިފިކް ދިރާސާތަކުން މިހާރު ވަނީ މިކަމުގެ ހަގީގަތް ހާމަކޮށްދީފައެވެ. މާހިރުން ބުނާ ގޮތުގައި، ވަކި ފަރުދެއްގެ އަމިއްލަ ތަޖުރިބާއަށްވުރެ ބޮޑަށް އިސްކަންދޭންޖެހޭނީ ސައިންޓިފިކް ހެކިތަކަށެވެ. ދިރާސާތަކުން ދައްކާގޮތުގައި ކޮވިޑް ވެކްސިނަކީ ބަލީގައި ބޮޑުވަރުވުމާއި މަރުވުމުން ރައްކާތެރިކޮށްދިނުމުގައި 95 އިންސައްތަ ކާމިޔާބު އެއްޗެކެވެ.
މީގެ އިތުރުން، ޖަރުމަނުވިލާތުގައި ވެކްސިންގެ ސަބަބުން 20،000 އާއި 60،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ބުނެ، ރިޓަޔަރޑް ޓޮކްސިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ހެލްމަޓް ސްޓާޒްއާ ހަވާލާދީ ދެކެވޭ ވާހަކަތަކަށްވެސް މާހިރުން ވަނީ ރައްދު ދީފައެވެ. އެމީހުން ބުނާ ގޮތުގައި އެއީ އެއްވެސް އިތުބާރު ހުރި ސައިންޓިފިކް ދިރާސާއަކުން ސާބިތުވާ އަދަދުތަކެއް ނޫނެވެ. އަދި ފެކްޓް-ޗެކަރުން ފާހަގަކުރާ ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުގައި ކަންކަމުގެ އަސްލު އޮޅުވާލައި، މައުލޫމާތުތައް ނުބައިކޮށް މާނަކޮށްފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ މަޝްހޫރު ފަރާތްތަކުން ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން ދޮގު މައުލޫމާތު ފެތުރިދާނެ ކަމުގެ އިންޒާރު ދީފައެވެ. މާހިރުން އިލްތިމާސް ކުރައްވަނީ ސޯޝަލް މީޑިއާގެ ވާހަކަތަކަށް ބަރޯސާވުމުގެ ބަދަލުގައި، އިތުބާރު ހުރި ސިއްހީ އިދާރާތަކާއި ގާބިލު ޑޮކްޓަރުންގެ ލަފާ ހޯދުމަށެވެ. ވެކްސިންގެ ސަބަބުން ސީރިއަސް މައްސަލަތައް ދިމާވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި، ވެކްސިންގެ ސަބަބުން ލިބޭ ފައިދާ މާ ބޮޑު ކަމަށްވެސް އެ ބޭފުޅުން ވިދާޅުވެއެވެ.
