އެމެރިކާގެ އޮހާޔޯގައި ދިރިއުޅޭ އުމުރުން 91 އަހަރުގެ އަންހެނަކު ކޮންމެ ދުވަހަކު ކުރަންޖެހޭ "ވެލްނަސް ޗެކްއިން" ކޯލްތަކަށް ޖަވާބު ނުދިނުމުން، އޭނާގެ އާއިލާއާއި ފުލުހުން ކަންބޮޑުވެގެން ހޯދަން ފަށައިފިއެވެ. ނަމަވެސް ފުލުހުންނަށް އޭނާ ފެނުނުއިރު ކަންތައް ހުރީ އެންމެން ހީކުރި ގޮތަކަށް ނޫނެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު އޮހާޔޯގެ ވެސްޓްލޭކްގައެވެ. އެ ސިޓީގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންގެ ހާލު ބެލުމަށް ހިންގާ "އާރ ޔޫ އޯކޭ؟" ޕްރޮގްރާމްގެ ދަށުން ކުރި ފޯނު ކޯލަށް މި އަންހެން މީހާ ޖަވާބެއް ނުދިނެވެ. މިއީ އެކަނި ދިރިއުޅޭ އިސްރަށްވެހިންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެ ސިޓީން ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.
ފޯނަށް ޖަވާބު ނުދިނުމުން ފުލުހުންނާއި އޭނާގެ އަންހެން ދަރިފުޅު ތަކުރާރުކޮށް ގުޅުމުންވެސް ޚަބަރެއް ނުވުމުން، އާއިލާއިން އެދިގެން ފުލުހުން ވަނީ އެ މީހާ ދިރިއުޅޭ ގެއަށް ގޮސްފައެވެ. ގޭގެ ދޮރުގައި ތަޅައިގެން ވެސް ޖަވާބެއް ނުލިބުމުން، ފުލުހުން ވަނީ ގަރާޖު ހުޅުވާ ކޯޑެއް ބޭނުންކޮށްގެން ގޭގެ އެތެރެއަށް ވަދެފައެވެ.
ފުލުހުންނަށް އެ އަންހެން މީހާ ފެނުނީ އޭނާގެ ނިދާ ކޮޓަރީގައި ވަރަށް ފޯރިއާއެކު ގޭމް ކުޅެން އިންދައެވެ. އޭނާ އިނީ ކުރިން ހަދާފައިވާ ރެކޯޑެއް މުގުރާލުމަށްޓަކައި ގޭމަށް ހުސްވެފައި ކަމުން، ފޯނު ރިންގުވި އަޑާއި ދޮރުގައި ތެޅި އަޑުވެސް އޭނާއަށް ނީވުނީއެވެ.
ވެސްޓްލޭކް ފުލުހުންގެ ކެޕްޓަން ޖެރީ ވޯގަލް ވިދާޅުވި ގޮތުގައި، އެ މީހާގެ ޚަބަރެއް ނުވުމުން އެންމެން ތިބީ ވަރަށް ބޮޑަށް ބިރުގެންފައެވެ. ނަމަވެސް އޭނާ ހެޔޮހާލުގައި ހުރިކަން އެނގުމުން އެންމެންނަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ.
އެމެރިކާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ގައުމުގެ އާބާދީގައި ދޮށީ އުމުރުގެ މީހުންގެ ނިސްބަތް ދަނީ ވަރަށް އަވަހަށް އިތުރުވަމުންނެވެ. 2024 ވަނަ އަހަރާ ހަމައަށް 65 އަހަރުން މަތީގެ 62 މިލިއަނަށް ވުރެ ގިނަ މީހުން އެމެރިކާގައި ދިރިއުޅެއެވެ. މިފަދަ މީހުންނަށް ކުރިމަތިވާ އެކަނިވެރިކަމާއި ސިއްހީ މައްސަލަތަކަށް ހައްލު ހޯދުމަކީ އެ ގައުމަށް މިހާރު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
