އިންސާނުންގެ ބެލުމުގެ ދަށުގައި އުޅޭ އެންމެ ދުވަސްވީ ގޮރިއްލާ، ފަޓޫގެ 69 ވަނަ އުފަންދުވަސް ޖަރުމަނުވިލާތުގެ ބާލިން ޒޫގައި ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މި އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ފަޓޫއަށް ވަނީ ހާއްސަ މޭވާ އާއި ތަރުކާރީގެ ކެއުމެއް ދީފައެވެ. އޭގެ ތެރޭގައި ޗެރީ ޓޮމާޓޯ، ބީޓްރޫޓް، ލީކްސް އަދި ލެޓިއުސް ހިމެނެއެވެ. ނަމަވެސް، އުމުރުން ދުވަސްވީ މި ޖަނަވާރަށް ހަކުރު އެކުލެވޭ ތަކެތި ސިއްހީ ގޮތުން ރަނގަޅު ނޫން ކަމަށްވާތީ، އުފަންދުވަހުގެ ކޭކެއް މި ހަފުލާގައި ބޭނުންކޮށްފައެއް ނުވެއެވެ.
ވެސްޓަން ލޯލޭންޑް ގޮރިއްލާގެ ބާވަތަށް ނިސްބަތްވާ ފަޓޫ ބާލިން ޒޫއަށް ގެނެވުނީ 1959 ވަނަ އަހަރުއެވެ. އެ ދުވަސްވަރު އޭނާގެ އުމުރަކީ ގާތްގަނޑަކަށް 2 އަހަރު ކަމަށް ބެލެވުނު ނަމަވެސް، އޭނާ އުފަންވި ސީދާ ތާރީޚެއް ނޭނގެއެވެ. އެހެންކަމުން އޭނާގެ އުފަންދުވަހުގެ ގޮތުގައި ބަލަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހެވެ. އާންމުގޮތެއްގައި ޖަންގަލިތަކުގައި އުޅޭ ގޮރިއްލާތައް 35 އާއި 40 އަހަރާ ދެމެދުގެ އުމުރެއްގައި މަރުވި ނަމަވެސް، އިންސާނުންގެ ބެލުމުގެ ދަށުގައި އުޅޭ ގޮރިއްލާތައް މިއަށްވުރެ ގިނަ ދުވަހު ދިރިއުޅެއެވެ.
2024 ވަނަ އަހަރު އެ ޒޫގައި އުޅުނު "އިންގޯ" ނަމަކަށް ކިޔާ ފްލެމިންގޯ މަރުވުމާ ގުޅިގެން، ފަޓޫ މިހާރު ވެފައިވަނީ އެ ޒޫގައި އުޅޭ އެންމެ ދުވަސްވީ ޖަނަވާރަށެވެ. އިންގޯ މަރުވިއިރު އޭނާގެ އުމުރަކީ މަދުވެގެން 75 އަހަރެވެ.
ގިނިސް ވޯލްޑް ރެކޯޑްސްގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަޓޫ އުފަންވީ ހުޅަނގު އެފްރިކާގެ ޖަންގައްޔެއްގައެވެ. އޭނާ ޒޫއާ ހަމައަށް އައި ގޮތުގެ ވާހަކައަކީ ވަރަށް ތަފާތު ވާހަކައެކެވެ. ފްރާންސްގެ ފަޅުވެރިއަކު އެފްރިކާއިން ފަޓޫ ގެންގޮސް، ފްރާންސްގެ މާސޭގައި ހުންނަ ކެފޭއެއްގެ ބިލު ދެއްކުމަށްޓަކައި ބަދަލުގައި އޭނާ ދިނީއެވެ. އޭގެ ފަހުން ޖަނަވާރު ވިޔަފާރިކުރާ މީހަކު އޭނާ ބާލިން ޒޫއަށް ވިއްކާލީއެވެ.
މިހާރު އުމުރުން ދުވަސްވެފައިވާ ފަޓޫ ދިރިއުޅެނީ އެހެން ގޮރިއްލާތަކާ ވަކިން އަމިއްލަ ފެންސެއްގެ ތެރޭގައެވެ. އޭނާގެ ދަތްތައް ވެއްޓި، ހުޅުތަކުގައި ރިއްސުމާއި އަޑުއިވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ބާލިން ޒޫގެ ޕްރައިމޭޓް ސުޕަވައިޒަރު ކްރިސްޓިއަން އޯސްޓް ބުނި ގޮތުގައި، ފަޓޫއަކީ ބައެއް ފަހަރު ގޮތްދޫނުކުރާ މިޒާޖެއް ހުރި ނަމަވެސް، ޒޫ ބަލަހައްޓާ މީހުންނާ ވަރަށް ރަހުމަތްތެރި ޖަނަވާރެކެވެ. 69 އަހަރުގެ ދިގު އުމުރަކަށްފަހު، މިއީ އޭނާއަށް ލިބުން ހައްގު އިހުތިރާމެކެވެ.
