އީރާނުން އުފައްދާފައިވާ ޔުރޭނިއަމްގެ ރިޒާވް އެމެރިކާއާ ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ދައުވާ އީރާނުން ރަސްމީކޮށް ދޮގުކޮށްފިއެވެ. އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، ޔުރޭނިއަމްއަކީ އެ ގައުމުގެ މިނިވަންކަމާ ގުޅިފައިވާ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، އެއްވެސް ހާލަތެއްގައި އެހެން ގައުމަކަށް އެތަކެތި ބަދަލު ނުކުރާނެ ކަމަށެވެ.

މި މައްސަލައިގައި ޓްރަމްޕް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށެވެ. އަދި އީރާނުން ޔުރޭނިއަމް އުފެއްދުން ހުއްޓާލުމަށާއި، މިހާތަނަށް އުފައްދާފައިވާ ތަކެތި އެމެރިކާއާ ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އީރާނުން ބުނީ ނިއުކްލިއާ ހަކަތައަކީ އެ ގައުމުގެ ހައްގެއް ކަމަށާއި، އެކަމުގައި އެމެރިކާގެ ބައެއް ޝަރުތުތަކަކީ ހަގީގަތާ ހިލާފު، ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެންމެ ބޮޑު ހުރަހަކަށް ވެފައިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމެވެ. ޕާކިސްތާނާއި އޯމާން މެދުވެރިވެގެން މި މަޝްވަރާތައް ކުރިއަށްދާއިރު، އީރާނުން މިހާރު ވަނީ ހޯމުޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލާފައެވެ. އެކަމަކު އެމެރިކާއިން ބުނަމުންދަނީ ދާއިމީ އެއްބަސްވުމަކަށް ނާދެވެނީސް އީރާނުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނުނަގާނެ ކަމަށެވެ.