ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލުބުނާނާއި އިސްރާއީލާ ދެމެދު ސީދާ މަޝްވަރާތައް އެމެރިކާގެ ވޮޝިންޓަންގައި ފަށައިފިއެވެ. މި މަޝްވަރާތަކަކީ ލުބުނާނުގެ މިނިވަންކަމަށްޓަކައި ނިންމި ތާރީޚީ ނިންމުމެއްގެ ގޮތުގައި އެ ގައުމުގެ ޕްރެޒިޑެންޓް ޖޯސެފް އައުން ވަނީ ސިފަކުރައްވާފައެވެ.
މިދިޔަ އޭޕްރީލް 14 ވަނަ ދުވަހު ފެށި މި ބައްދަލުވުންތަކުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބައިވެރިވެވަޑައިގެންނެވިއިރު، މިހާރު ވަނީ 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާނުކޮށްފައެވެ. މިއީ 1993 ވަނަ އަހަރަށްފަހު ދެ ގައުމުގެ ދެމެދުގައި ބާއްވާ މިފަދަ ފުރަތަމަ ސީދާ މަޝްވަރާތަކެވެ.
ލުބުނާނުގެ ރައީސް އައުން ވިދާޅުވީ، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ލުބުނާނުގެ ދެކުނުގެ ބިންތަކުން އިސްރާއީލު ސިފައިން ބޭލުމާއި، ހައްޔަރުކޮށްފައި ތިބި މީހުން މިނިވަންކުރުން ކަމަށެވެ. އަދި ބޯޑަރުގެ މައްސަލަތައް ހައްލުކޮށް، މުޅި ބޯޑަރު ސަރަހައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރު ލުބުނާނުގެ އަސްކަރިއްޔާއަށް ހޯދައިދިނުމަކީ ވެސް އެންމެ ބޮޑު އެއް މަގްސަދު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އައުން އިތުރަށް ވިދާޅުވީ ލުބުނާނަކީ ދެން އެހެން ބައެއްގެ ހަނގުރާމަ ކުރާ މައިދާނަކަށް ނުވާނެ ކަމަށެވެ.
