ބޭސް ބޭނުންކުރުމަކީ އަޅުގަނޑުމެންގެ ސިއްހަތަށްޓަކައި ކުރާ ކަމަކަށް ވީނަމަވެސް، އެކަމުގައި ފަރުވާކުޑަކޮށްލައިފިނަމަ ނުވަތަ ސަމާލުކަން ނުދެވިއްޖެނަމަ، އެއީ ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. މިދަންނަވާލަނީ ބޭސް ބޭނުންކުރުމުގައި ފަރުވާކުޑަވެގެން ހިނގާފައިވާ ވަރަށް ހައިރާންކުރުވަނިވި އަދި އެހާމެ ބިރުވެރި ހާދިސާއެކެވެ.

މިއީ ޖަރުމަނުވިލާތުގެ އުމުރުން 58 އަހަރުގެ އަންހެނަކަށް ދިމާވި ހާދިސާއެކެވެ. އޭނާ ބޭސް ބޭނުންކުރި ވަގުތު، ބޭސްގުޅަ ކާޑުން ނުނަގައި، އެ ގުޅަ އޮތް ހަރު ޕްލާސްޓިކް އަދި ފޮއިލް ޕެކޭޖާއެކު އެއްކޮށް ދިރުވާލިއެވެ. ބޭސް ދިރުވާލިތާ މާގިނަ އިރުތަކެއް ނުވެ، އޭނާގެ މޭގައި ކުއްލިއަކަށް ވަރަށް ބޮޑަށް ރިއްސަން ފަށައި، އެއްޗެހި ދިރުވުމަށް އިންތިހާއަށް ތަދުވާން ފެށިއެވެ.

މިކަމާ ގުޅިގެން ކުއްލި ހާލަތުގައި އޭނާ ހޮސްޕިޓަލަށް ގެންގޮސް، ޑޮކްޓަރުން ވަނީ 'އިމަޖެންސީ އެންޑޯސްކޯޕީ' އެއް ހަދާފައެވެ. މި ތަހުލީލުން ފެނުނު މަންޒަރުން ޑޮކްޓަރުންނަށް ވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އޭނާ ދިރުވާލި 'ޕްރޯބަޔޮޓިކް' ބޭސްގުޅަ އޮތީ އޭގެ ހަރު ޕްލާސްޓިކް ކާޑުން ނުނެގި، ކޮަރުތެރޭގައި ތާށިވެފައެވެ.

ޑޮކްޓަރުން ވަނީ ވަރަށް ފަރުވާތެރިކަމާއެކު އެންޑޯސްކޯޕީ ބޭނުންކޮށްގެން، ކޮަރުގެ ފާރަށް ގެއްލުން ނުވާނޭހެން އެ ޕެކޭޖް ނަގާފައެވެ. މި ހާދިސާގެ ސަބަބުން އޭނާގެ ކޮަރުތެރެ ދުޅަވެ، ފާރުވެފައި ހުރުމުން އެކަމަށް ފަރުވާ ދިނުމަށްފަހު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

މި ހާދިސާއިން އަޅުގަނޑުމެން ލިބޭ ވަރަށް މުހިންމު ފިލާވަޅެއް އެބައޮތެވެ. އުމުރުން ދުވަސްވީ ބޭބޭފުޅުންނަށް އަޅާލާ އެހީތެރިވުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަނދާންބަލިވުމާއި ވިސްނުން ކޮށިވުންފަދަ ކަންކަން ދިމައިވެދާނެއެވެ. އެހެންކަމުން އެފަދަ ހާލަތްތަކުގައި އާއިލާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަން އެފަދަ މީހުނަށް އެވަނީ ބޭނުންވެފައެވެ.

ހަވާލާ: ސެވޭޖް ޕެރަމެޑިކްސް 2026.