އިންސާނާގެ ދިރިއުޅުމުގައި މައިވަންތަކަމަކީ މާތް ﷲ ދެއްވާފައިވާ ވަރަށް މަތިވެރި ނިއުމަތެކެވެ. ބަނޑުގައި ދަރިފުޅު އުފެދި، ބޮޑުވެ، ވިހެއުމުގެ މަރުހަލާއަކީ އަންހެނެއްގެ ހަށިގަނޑަށް ބޮޑެތި ޖިސްމާނީ ނުވަތަ ފިޒިއޮލޮޖިކަލް ބަދަލުތަކެއް އަންނަ ކަމެކެވެ. ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ ހަމައެކަނި އުނދަގޫ އަދި ވޭންދެނިވި ކަމެއް ކަމަށެވެ. ނަމަވެސް، ޒަމާނީ ސައިންސާއި ދިރާސާތަކުން ދައްކާ ގޮތުގައި ވިހެއުމަކީ އޭގެ ކުރިން ހަށިގަނޑުގައި ހުންނަ ބައެއް ބަލިތަކާއި ޞިއްޙީ މައްސަލަތަކަށް ލިބޭ ޠަބީޢީ ފަރުވާއަކަށް ވެސް ވެދާނެއެވެ.

މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ހޯރމޯނަލް ބަދަލުތަކުގެ ސަބަބުން ބައެއް ބަލިތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ. މިސާލަކަށް، "އެންޑޯމެޓްރިއޯސިސް" މ ފަދަ އަންހެނުންގެ ދަރިމައިވުމުގެ ނިޒާމާ ގުޅޭ ބަލިތަކުގެ އުނދަގޫތައް ވިހެއުމަށްފަހު ވަރަށް ބޮޑަށް ކުޑަވެގެންދާކަން ފާހަގަކުރެވެއެވެ. ބަނޑުބޮޑުވުމުގެ ސަބަބުން ގަވާއިދުން އަންނަ މައްސަރު ކަންތައް ދިގު މުއްދަތަކަށް މެދުކެނޑިގެން ދިއުމަކީ، އެ ބަލީގެ ސަބަބުން އުފެދޭ ޓިޝޫތައް މަދުވެ، ބަލީގެ ވޭން ކުޑަވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ. މީގެ އިތުރުން މައްސަރު ކަންތަކާ ގުޅިގެން އަންނަ ގަދަ ރިހުންތަކަށް ވެސް ވިހެއުމަށްފަހު ބައެއް އަންހެނުންނަށް ދާއިމީ ލުޔެއް ލިބެއެވެ.

ޞިއްޙީ ދިރާސާތަކަށް ބަލާއިރު، ވިހެއުމުގެ ސަބަބުން އަންހެނުންގެ ހަށިގަނޑަށް "ޕްރޮޓެކްޓިވް އިފެކްޓް" އެއް ނުވަތަ ރައްކާތެރިކަމެއް ލިބިގެންދެއެވެ. "އެމެރިކަން ޖާނަލް އޮފް އޮބްސްޓްރިކްޓް އެންޑް ގައިނޮކޮލީ" ގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ބަޔާންކުރާ ގޮތުގައި، ވިހެއުމުގެ ސަބަބުން އުރަމަތީގެ ކެންސަރާއި ރަހިމުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުތަނުން ކުޑަކޮށްދެއެވެ. އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން، ބަނޑުބޮޑުވުމާއި ގާތުން ދިނުމުގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް އަންނަ ބަދަލުތަކަކީ ނުރައްކާތެރި ކެންސަރު ސެލްތައް އުފެދުމަށް ހުރަސްއަޅާ ކަމެކެވެ.

ސައިންޓިފިކް ގޮތުން ފާހަގަކުރެވޭ އެންމެ އަޖައިބު ކުރުވަނިވި އެއް ކަމަކީ "ފީޓަލް މައިކްރޯޗިމެރިޒަމް" އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު ދުވަސްވަރު ދަރިފުޅުގެ ބައެއް ސެލްތައް މައިމީހާގެ ހަށިގަނޑަށް ދަތުރުކުރެއެވެ. މި ސެލްތައް މައިމީހާގެ ހަށިގަނޑުގައި އެތައް އަހަރަކު ހުރެ، މައިމީހާގެ ހިތާއި، ފުއްޕާމޭ އަދި އެހެނިހެން ގުނަވަންތަކަށް ލިބޭ ގެއްލުންތައް މަރާމާތު ކުރުމަށް އެހީތެރިވެދެއެވެ. ހާވާޑް ޔުނިވަރސިޓީގެ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، މި ސެލްތަކުގެ ސަބަބުން މައިމީހާގެ ދިފާޢީ ނިޒާމު ވަރުގަދަވެ، ބައެއް އޮޓޯއިމިއުން ބަލިތަކުން ދިފާޢުވުމަށް ބާރުލިބެއެވެ.

ވިހެއުމަކީ ހަމައެކަނި އިންސާނާގެ ދަރިފަސްކޮޅު ދެމެހެއްޓުމަށް އޮތް މަގެއް ނޫނެވެ. އެއީ މައިމީހާގެ ޞިއްޙަތަށް ލިބިގެންދާ އައު ދިރުމެކެވެ. މާތް ﷲ އިންސާނާގެ ހަށިގަނޑު ފަރުމާކުރައްވާފައިވަނީ އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދާއިރު، އެކަލާނގެ ރަޙުމަތުން ހަށިގަނޑަށް ބޭނުންވާ ޝިފާ ލިބޭނެ ގޮތްތައް މެދުވެރިކުރައްވަމުންނެވެ. އެހެންކަމުން، ވިހެއުމުގެ ސަބަބުން ކުރިން ހުންނަ ބައެއް ދާއިމީ ބަލިތަކަށް ލިބޭ މި ޠަބީޢީ ފަރުވާއަކީ އިންސާނާގެ އުފެދުމުގައިވާ އަޖައިބެއްކަހަލަ ކުޅަދުންވަންތަ ކަމެކެވެ.

ހަވާލާ: އެމެރިކަން ޖާނަލް އޮފް އޮބްސްޓްރިކްޓް އެންޑް ގައިނޮކޮލީ (2024).