މަސްވެރިންނަށް ތެޔޮ ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފެދިފައިވާ އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް ކަނޑުމަތީގައި ހަރަކާތްތެރިވެވޭނެކަން ކަށަވަރުކުރުމަށް ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، އެ ބުރަ މަސްވެރިންނަށް ނުޖައްސައި ސަރުކާރުން ތެލުގެ ކަންކަން މެނޭޖްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރު ޝިޔާމް ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ހާލަތު ރަނގަޅުވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށް ވެސް އެންވެރިކަން ރަނގަޅުވެ މަސްވެރިކަން ކުރިއަރަމުން އަންނަ ކަމަށެވެ. މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.
