ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ހޮވިއްޖެއެވެ. މި އެވޯޑަކީ އިންޓަނެޓްގެ ސްޕީޑާއި ފެންވަރު ދެނެގަތުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު އޫކްލާ ސްޕީޑްޓެސްޓުން ދިން އެވޯޑެކެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، މިއީ ކަސްޓަމަރުންގެ ފަރާތުން ލިބުނު ފަހުރުވެރި އެވޯޑެއް ކަމަށެވެ. އަދި ނެޓްވޯކެއްގެ ފެންވަރު ބިނާވެފައި އޮންނަނީ އެ ހިދުމަތެއްގެ ދެމެހެއްޓެނިވިކަމާއި އިތުބާރުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކަސްޓަމަރުންގެ އިތުބާރާއި އަޅުގަނޑުމެންގެ ހިދުމަތްތަކަށް ބަރޯސާވުން، އަޅުގަނޑުމެންނަށް ހިތްވަރު ދެނީ ހިދުމަތްތައް އިތުރަށް ރަނގަޅުކޮށް، އެންމެ ފުރިހަމަ ތަޖުރިބާ ފޯރުކޮށްދިނުމަށް،" ނިޔާޒް ވިދާޅުވިއެވެ.

އުރީދޫން ވަނީ ޑިޖިޓަލް މުޖުތަމައެއްގެ ބޭނުންތަކަށް ފެތޭގޮތަށް އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ފަދަ ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.