ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭ ކައުންސިލްތަކުގެ ނަންތަކާއި އެ މައުލޫމާތުތައް އާންމު ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މުހިންމު ވައުދުތައް ފުއްދުމުގައި ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެވުމުގައި ކައުންސިލްތަކުން އެއްބާރުލުން ނުދެއްވި ނަމަވެސް، އެ ވައުދުތައް ފުއްދެވުމުގައި ކައުންސިލްތަކަށް ބެއްލެވުމެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވައުދުތައް ފުއްދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

އިންތިހާބުގެ ނަތީޖާއާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރައްޔިތުންގެ ވިސްނުން ހުރީ ގައުމާއި ދީން އިސްކުރުމުގެ ފިކުރަށް ކަމަށެވެ. އަދި ބޮޑެތި ސިޓީތަކުން ކާމިޔާބު ނުލިބުނަސް ރައްޔިތުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އިންތިހާބުގައި ކެމްޕެއިން ޓީމުތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުނުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.