ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42,000 މުވައްޒަފުން ތިބި ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ކުންފުނިތައް ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު 33 ޕަސަންޓު މަދު ކުރުމަށް ޕީސީބީ އަށް ވަނީ އަންގާފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފިޔަވަޅުތައް އަޅަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިންނެވެ.
މިނިސްޓަރު ވިދާޅުވީ "މުވައްޒަފުން މަދު ކުރުމަކީ މާދަމާ ހެނދުނު ކުރާ ކަމެއް ނޫން," ކަމަށެވެ.
އެމްޕްލޮއިމެންޓް ގާނޫނާ އެއްގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ކުންފުނިތަކުގައި މިހާރު ތިބި މުވައްޒަފުންނާއެކު ހިންގޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 250 މިލިއަން ރުފިޔާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ބޭނުމަކީ ރާއްޖޭގެ އިގްތިސާދު ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމެވެ.
