މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް، ރާއްޖޭގައި ތެލުގެ ސަޕްލަޔަށް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފި އެވެ. 

މިނިސްޓަރު ވިދާޅުވީ، "ދުނިޔޭގެ ބާޒާރުގެ ހާލަތު ނުތަނަވަސްކޮށް އޮތް ނަމަވެސް، ރާއްޖެއަށް ތެޔޮ ފޯރުކޮށްދިނުމުގައި އެއްވެސް މެދުކެނޑުމެއް ނެތި މަސައްކަތްތައް ކުރިއަށްދާ," ކަމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުދާ އުފުލުމުގެ ހަރަދު ބޮޑުވި ނަމަވެސް، އޭޕްރިލް މަހުގެ 16 ވަނަ ދުވަހު ޖެޓް ފިއުލް ލިޓަރެއްގެ އަގު 1.99 ޑޮލަރުން 1.90 ޑޮލަރަށް ދަށްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭޕްރިލް 18 އަދި 24 ގައި ތެޔޮ ބަރުކޮށްގެން އުޅަނދުފަހަރު ރާއްޖެ އައިސްފައިވާއިރު، މި މަހުގެ 28 ވަނަ ދުވަހު ތެޔޮ ހިފައިގެން އިތުރު ބޯޓެއް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ތެލުގެ އަގު ހެޔޮވުމަކީ ދަތުރުފަތުރުގެ ހަރަދު ކުޑަވެ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމަށް ލިބޭނެ ބާރަކަށް ވާނެ ކަމެކެވެ. 

ރާއްޖޭގެ އިގްތިސާދީ ކަންކަން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު، ތެލުގެ ސަޕްލައި ރައްކާތެރިކަމާއެކު ލިބޭނެކަން ކަށަވަރުކޮށްދޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.