މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ ސީ ޓު އެއާ ކާގޯ ހިދުމަތް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މިދިޔަ މާޗް މަހު އެކަނިވެސް މި ހިދުމަތް މެދުވެރިކޮށް 14 ގައުމަކަށް 75 ޓަނަށް ވުރެ ގިނަ މުދާ އުފުލާފައިވެ އެވެ.
މި ހިދުމަތް ރާއްޖޭގައި ފަށާފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހު އެވެ. ހަތް އެއާލައިނެއް މެދުވެރިކޮށް ދުނިޔޭގެ 12 މަންޒިލަކަށް މި ހިދުމަތް ފޯރުކޮށްދެމުން އަންނަ އިރު، މީގެ ސަބަބުން އިންޓަނޭޝަނަލް ވިޔަފާރީގައި ރާއްޖޭގެ ދައުރު ބޮޑުވެ، އިގްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ވަނީ ލިބެން ފަށާފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކޮށްފައިވާ އާ ކާގޯ ޓާމިނަލްގެ ސަބަބުން މި މަސައްކަތް އިތުރަށް ހަލުވިވެފައިވެ އެވެ. އަހަރަކު ޖުމްލަ އެއް ލައްކަ ވިހި ހާސް ޓަނުގެ ކާގޯގެ ހިދުމަތް ދެވޭނެ ގާބިލުކަން އެ ޓާމިނަލްގައި ހުރިއިރު، އެތަން ބޭނުންކުރަން ފެށި ފަހުން މުދާ އުފުލާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
