ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފި އެވެ. 

މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެއްވަރުވި ގޮނޑިތަކަށް އަލުން މީހުން އިންތިހާބު ކުރުމަށް ހޮނިހިރު ބޭއްވި ދެވަނަ ބުރަށްފަހު، ރަސްމީ ނަތީޖާ ވަނީ ކަށަވަރު ވެފަ އެވެ.

މި ނަތީޖާއިން ދައްކާ ގޮތުން ވެރިކަން ކުރާ ޕީއެންސީއަށް ވަނީ ޖުމްލަ 584 ގޮނޑި ލިބިފަ އެވެ. އޭގެ ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 216 ގޮނޑިއާއި، ކައުންސިލްތަކުގެ މެމްބަރުންގެ ގޮނޑިތަކާއި ރައީސުންގެ ގޮނޑިތައް ހިމެނެ އެވެ.

އިދިކޮޅު އެމްޑީޕީއަށް މި އިންތިހާބުގައި ލިބިފައިވަނީ 563 ގޮނޑި އެވެ. މީގެ ތެރޭގައި ސިޓީ މޭޔަރުންގެ 5 ގޮނޑިއާއި، ކައުންސިލް މެމްބަރުންގެ 82 ގޮނޑި އަދި ރަށްތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއް ހިމެނެ އެވެ.

މި ދެ ޕާޓީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް 169 ގޮނޑި ލިބިފައިވެ އެވެ. އަދި އެމްޑީއޭއަށް 23 ގޮނޑި، އަދާލަތު ޕާޓީއަށް 6 ގޮނޑި، ޖުމްހޫރީ ޕާޓީއަށް 4 ގޮނޑި އަދި ޑިމޮކްރެޓްސްއަށް 2 ގޮނޑި ލިބިފައިވެ އެވެ.