ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހަޅުއްވީނަމަވެސް, މި ބަދަލުތައް ގެނައުމަށް މަޝްވަރާ ކުރަން ރައީސް ނަޝީދު ގޮވާލެއްވި ނަމަވެސް، އެ މަޝްވަރާތަކަށް އެއް މޭޒަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ މަޝްވަރާތަކަށް އެމަނިކުފާނު ވަޑައިނުގަންނަވާނެ ކަމަށެވެ. އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެމަނިކުފާނާ ހަވާލުކުރި މެންޑޭޓާ އެއްގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނު ކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރަން. އެހެންވީމާ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ފައްޔާޒު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ އިތުރުން ސަރުކާރުގެ އިސްވެރިޔާއަކީ ވަކި ބޭފުޅެއްގެ ގޮތުގައި ހަމަޖެއްސުން ހިމެނެ އެވެ. ގާނޫނު އަސާސީއަށް މި ބަދަލުތައް ގެނައުމަށް އެމްޑީޕީގެ އިސް ބޭފުޅުން ވަނީ ހުށަހަޅުއްވައިފަ އެވެ.
