ޖަޕާނުގެ އިރުއުތުރު އައްސޭރިއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާއިގުޅިގެން ދިން ސުނާމީގެ އިންޒާރު އުވާލައިފިއެވެ.  އިންޒާރު އުވާލާފައިވަނީ ކަނޑުން އެރި ރާޅުތައް ކުޑަވުމުގެ ސަބަބުންނެވެ.  މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ.

މި ބިންހެލުން އައިސްފައިވަނީ ޖަޕާނުގެ އައިވާޓޭ ޕްރިފެކްޗާގެ މިޔަކޯ އާ ދުރުން ކަނޑުގެ ސަރަހައްދަށެވެ. ބިންހެލުމުގެ އަސަރު ވެރިރަށް ޓޯކިޔޯއަށް ވެސް ކޮށްފައިވާއިރު، ޖަޕާނުގެ މެޓްރިއޮލޮޖިކަލް އެޖެންސީން އެންމެ ފުރަތަމަ ސުނާމީގެ އިންޒާރު ދިނެވެ. ނަމަވެސް، ހާލަތު ބެލުމަށްފަހު އެ އިންޒާރު މިހާރު ވަނީ އުވާލާފަ އެވެ.

ބިންހެލުމާ ގުޅިގެން ޖަޕާނުގެ ޕްރައިމް މިނިސްޓަރު ސަނާއޭ ޓަކައިޗީގެ ސަރުކާރުން ވަނީ ކްރައިސިސް މެނޭޖްމަންޓް ޓީމެއް އެކުލަވާލައި ހާލަތު ވަރަށް ގާތުން ބަލަން ފަށައިފަ އެވެ. އަދި ގައުމުގައި ހުރި ނިއުކްލިއާ ޕްލާންޓުތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އިންޓަނޭޝަނަލް އެޖެންސީތަކުން ބުނެ އެވެ.

ޖަޕާނުގެ މެޓްރިއޮލޮޖިކަލް އެޖެންސީން ވަނީ ކުރިއަށް އޮތް ތަނުގައި މިއަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. އެހެންކަމުން ހުރިހާ ރައްޔިތުން ވެސް ސަމާލުވެ ތިބުމަށް އެ އެޖެންސީން ވަނީ އެދިފަ އެވެ. ޖަޕާނަކީ ބިންހެލުން ގިނައިން އަންނަ "ރިންގް އޮފް ފަޔާ" ސަރަހައްދުގައި ހިމެނޭ ގައުމެކެވެ.