މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު ސާފު ފައިދާ 631 މިލިއަން ރުފިޔާއަށް އަރައިފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 497 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 26.9 އިންސައްތައިގެ ކުރިއެރުމެކެވެ.

މި މުއްދަތުގެ ތެރޭގައި ބޭންކުގެ ޖުމްލަ އެސެޓް 60.6 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. މިއީ ބޭންކުގެ ތާރީހުގައި ޖުމްލަ އެސެޓް 60 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

މާލީ ނަތީޖާގެ މައިގަނޑު ބައިތައް:

* ސާފު ފައިދާ: 631 މިލިއަން ރުފިޔާ (26.9 އިންސައްތައިގެ ކުރިއެރުމެއް).

* ހިންގުމުގެ ފައިދާ: 879 މިލިއަން ރުފިޔާ.

* ޖުމްލަ އާމްދަނީ: 1.24 ބިލިއަން ރުފިޔާ.

* ޑިޕޮސިޓް: 40.7 ބިލިއަން ރުފިޔާއަށް އިތުރުވެފައި.

ބޭންކުން ހާމަކުރި ގޮތުގައި އާމްދަނީ އިތުރުވެފައިވަނީ ލޯނާއި ފައިނޭންސިންގެ ފައިދާއިންނާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އަދި ހަރަދުތައް ރަނގަޅަށް މެނޭޖްކުރުމުގެ ސަބަބުން ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 24 އިންސައްތައަށް ވަނީ ރަނގަޅުކޮށްފަ އެވެ.

މީގެ އިތުރުން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ވެސް ބޭންކުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.