އިނގިރޭސި ވިލާތުގެ ހޮސްޕިޓަލަކަށް ފަރުވާހޯދަން ދިޔަ މީހަކަށް ފަރުވާކުރުމުގެ ކުރިން ހައިރާންކުރަނިވި ކަމެއް ދިމާވެއްޖެއެވެ.

އުމުރުން 67 އަހަރުގެ މި ފިރިހެން މީހާ ފުރަތަމަ ހޮސްޕިޓަލަށް ދިޔައީ އޭނާގެ ކަނާތު ބުޑުމަސްގަނޑާއި އުނަގަނޑާ އެއްކޮށް ރިހޭތީއެވެ. ފުރަތަމަ އޭނާ ބެލި ޑަކްޓަރު އޭނާގެ ސްކޭން އެއް ހެދިއެވެ. އެއަށްފަހު މައިބަދައިގެ ދެ ބަދަ ދޭތެރޭގެ ޖާގަ ކުޑަވަނީ ކަމަށާއި އޭގެ ސަބަބުން ނާރެއް ފިތެނީ ކަމަށް އެ ޑަކްޓަރުވަނީ ބުނެފައެވެ. އެފަހަރު އޭނާއަށް ބޭސް ދީފައި ފޮނުވާލިއެވެ.

ދެންވެސް އޭނާގެ ތަދަށް ލުއިކަމެއް ނުލިބުމުން ޑަކްޓަރު ނިންމީ އެ ބަދައިގެ އޮޕަރޭޝަނެއް ކުރާށެވެ. ނަމަވެސް އެ އޮޕަރޭޝަން ކުރުމުގެ ކުރިން ވަނީ އުނަގަނޑުގެ ބޮޑު ސްކޭނެއް ކޮށްފައެވެ. މި ސްކޭނުންދައްކާ ގޮތުގައި އޭނާގެ ބޮޑުގޮހޮރުގެ ފުލުގައި ހިމަ ދިގު އެއްޗެއް އެބައިނެވެ. އެހިސާބުން އެ ޑަކްޓަރު އޭނާ ފޮނުވާލީ އެތެރެހަށީގެ ޑިޕާޓުމެންޓަށެވެ.

އެތަނުން ލަސްނުކޮށް އޭނާގެ ފުރަގަސްފަރާތު ދޮރުން އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އެ އޮޕަރޭޝަނުގައި އޭނާގެ ބޮޑުގޮހޮރުގެ ފުލުން ނަގާފައިވަނީ ދަތްކޮއްޓާ އިލޮށްޓެކެވެ. އެ އިލޮށި އޮތީ ވަރަށްބޮޑަށް މަޑުވެސް ވެފައެވެ. ޑަކްޓަރުން ބުނާ ގޮތުގައި ގޮހޮރުގައި ގިނަ ދުވަސްވުމުން އެ އިލޮށި މަޑުވެފައި އޮތީކަމަށެވެ.

އިނގިރޭސިވިލާތުގެ މި މީހާ ބުނާ ގޮތުގައި އެ ހަބަރު ވެގެންދިޔައީ އޭނާއަށް ހައިރާންކަން ގެނުވި ކަމަކަށެވެ. އެހެނީ މީގެ ވިއްސަކަށް އަހަރުކުރިން އޭނާ އަށް ނިދުނު އިރެއްގައި ދަތްކޮއްޓާ އިލޮއްޓެއް އަނގައަށް ލައިގެން އޮވެވުނެވެ. އަދި ހޭލެވުނުއިރު އިލޮށި ނެތުމުން އެކަމާ ހައިރާންވި ކަމަށާއި ނަމަވެސް އެކަމާ އެހާބޮޑު އަޅާލުމެއް ނުބަހައްޓައެވެ. މިވާހަކަތައް ޑަކްޓަރާއި ހިއްސާކުރުމުން ޑަކްޓަރު ބުނާ ގޮތުގައި އެ އިލޮއްޓަށް 20 އަހަރު ވެފައި ހުރެދާނެތޯ ނުވަތަ ނޫންތޯ ބުނާކަށް ނޭނގޭ ކަމަށެވެ. ނަމަވެސް އިލޮއްޓެއް ދިރުވިގެން އެފަދަ ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށްވެސް ބޮޑުކަމަށް ވަނީ ބުނެފައެވެ.

އެ އޮޕަރޭޝަނަށް ފަހު އޭނާގެ ހާލު މިހާރު ރަނގަޅެވެ. އޭނާ އެދޭ އެދުމަކީ އަނގަޔައް އެއްޗެއް ލައިގެން އެއްވެސް މީހަކު ނުނިދުމަށެވެ.