އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ގާނޫނީ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރެވިފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭއައި ބޭނުންކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާނުގައި ޑިޖިޓަލް ދާއިރާއިން ތިން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނާ ބެހޭ ބިލަކާއި، ޑިޖިޓަލް އައިޑެންޓިޓީއާ ބެހޭ ބިލެއްގެ އިތުރުން ސައިބަރ ސެކިއުރިޓީއާ ބެހޭ ބިލެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ތިން ބިލުގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭ ހާއްސަ ބިލެއް ވެސް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ޑިޖިޓަލައިޒޭޝަނަށް ދާއިރު ރާއްޖެއަކީ ކުރީ ސަފުގައި އޮތް ގައުމަކަށް ވާން ބޭނުންނަމަ އޭއައި ބަލައިގަންނަން ޖެހޭ ކަމަށެވެ.

"ކޮންމެ ގޮތެއްވިޔަސް ޑިޖިޓަލައިޒޭޝަނަށް ދާއިރު އަޅުގަނޑުމެން ސަފުގައި ކުރީގައި ތިބޭ ކަމަށްވަންޏާ އެމްބްރޭސް ކުރަން ޖެހޭ ކަމެއް އޭއައި އަކީ. އޭއައި އެމްބްރޭސް ކުރާއިރު އޭއައި އަކީ ގާނޫނީ ނިޒާމުގެ ތެރެއިން ރެގިއުލޭޓް ކުރާ ނޫނީ އެއާއި ގުޅޭ ކަންކަން ކުރެވިފައި އޮންނަ ކަމަކަށް ވާންޖެހޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މުޅި ދައުލަތް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. އޭއައި ރެގިއުލޭޓް ކުރުމަށް ހުށަހަޅާ ގާނޫނަކީ ރާއްޖޭގެ ޑިޖިޓަލް ވެށި ރައްކާތެރިކަމާއެކު ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެ އެވެ.