ވާރަނާސީގެ ޗެޓްގަންޖް މަގުތަކަކީ އަބަދުވެސް ބާރުބޮޑު، ހަލަބޮލި މަގުތަކެކެވެ. ނަމަވެސް މިހާރު މި މަގުތަކުގެ ތެރޭގައި އާދަޔާ ހިލާފު، ބިރުވެރި "ރޫހެއް" އަންނަނީ ދަތުރުވެރިންގެ ހިތްތައް ބިރުގަންނަވަމުންނެވެ. އެއީ "ކަންކާލް ހޮރޯ ރެސްޓޯރަންޓް އެންޑް ކެފޭ" އެވެ.
މިއީ އުއްތަރު ޕްރަދޭޝްގައި ހުޅުވި ފުރަތަމަ ފުރިހަމަ "ހޮރޯ-ތީމްޑް" ރެސްޓޯރަންޓެވެ. މިތަނަށް ވަންނަ މީހުންނަށް ލިބެނީ ހަމައެކަނި ރަހަމީރު ކެއުމެއް ނޫނެވެ؛ މިއީ ބިރުވެރި ފިލްމެއްގެ ތެރޭގައި އުޅޭ ފަދަ އިހުސާސެކެވެ.
މި ރެސްޓޯރަންޓަކީ އާދައިގެ ތަނެއް ނޫނެވެ. ވަރަށް ބިރުވެރި، ތަޖުރިބާއެއް މިތަނުން ލިބެއެވެ. ބިރުގަންނަވާނެ ކަމަށް އެނގި ތިބެ ވެސް، މީހުން މިތަނަށް ދަނީ އެ ޖަޒުބާތު ހޯދުމަށެވެ.

މިތަނުގެ މުވައްޒަފުންނަކީ މި ރެސްޓޯރަންޓުގެ އެންމެ ބޮޑު "އެޓްރެކްޝަން" އެވެ. ވެމްޕަޔަރުންނާއި، ގެސްޓުން ބިރުގަންނަވާ ގޫލްސް އަދި ގްރިމް ރީޕަރުންގެ ހެދުމުގައި ތިބޭ ވެއިޓަރުން ކެއުން ގެނެސްދޭއިރު، ކުއްލިއަކަށް ހަޅޭއްލަވައިގަންނަ ގޮތުން މީހުން ސިހިގެން ދެއެވެ.
ރެސްޓޯރަންޓުގެ އެތެރޭގެ މާހައުލަކީ ވެސް ވަރަށް ބިރުވެރިކޮށް ފަރުމާކޮށްފައިވާ ތަނެކެވެ. ނިއޮން އަލިތަކާއި، ކަށިތަކާއި، ފާރުގައި ކުރަހާފައިވާ ބިރުވެރި ކުރެހުންތަކާއި، ފޮގް މެޝިންތަކުން އަރާ ދުމުން މިތަން ސިފަވަނީ ހަމަ "ހޯންޓެޑް ހައުސް" އެއްގެ ގޮތުގައެވެ.
މި ރެސްޓޯރަންޓު މިހާރު ވަނީ އިންސްޓަގްރާމާއި ޔޫޓިއުބްގައި "ވައިރަލް" ވެފައެވެ. މިތަނުގައި މީހުން ބިރުން އުޅޭ މަންޒަރުތައް ފެންނަ ވީޑިއޯތަކަށް މިލިއަނުން ވިއުސް ލިބިފައިވާއިރު، މިއީ މިހާރު ވާރަނާސީގެ އެންމެ ހޫނު އެއް މައުޟޫއެވެ.
ބިރުވެރި މާހައުލެއްގައި އުޅުނަސް، މިތަނުގެ ކެއުންތަކަކީ ވަރަށް މީރުކަމަށް އެތަނުންކާމީހުން ބުނެއެވެ. ޕިއްޒާ، ބާގާ، ނޫޑްލްސް އަދި އިންޑިއަން-ޗައިނީޒް ކެއުންތައް މިތަނުން ލިބެން ހުރެއެވެ.

މިތަނަކީ އާއިލާއާއެކު ދާން ވެސް ރަނގަޅު ތަނެކެވެ. މުޅިން ވެޖިޓޭރިއަން އޮޕްޝަންތައް ހުރުމާއި، ދެ މީހަކަށް އެންމެ 200 އާއި 500 ރުޕީސްއާ ދެމެދުގެ އަގަކަށް ކެވޭނެތީ މިއީ އަގުހެޔޮ، ތަނެކެވެ.
ކަންކާލް ހޮރޯ ރެސްޓޯރަންޓް ހުންނަނީ ޗެޓްގަންޖްގެ ލަހުރާބިރު ރޯޑް، ސެންޕޫރާގައެވެ. ކޮންމެ ދުވަހަކު މެންދުރު 12:00 އިން ރޭގަނޑު 10:30 އަށް މިތަން ހުޅުވާފައި ހުރެއެވެ. ގުޅައިގެން މޭޒެއް ބުކް ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
ހުޅުވުނުތާ މާ ގިނަ ދުވަހެއް ނުވިޔަސް، މި ރެސްޓޯރަންޓަކީ މިހާރު ވާރަނާސީގެ އެންމެ ފާހަގަކޮށްލެވޭ އެއް ތަނެވެ. ކެއުމުގެ ތަޖުރިބާ ހަނދާނުން ފޮހެނުލެވޭ ފަދަ ތަނެއް ހޯދާނަމަ، ކަންކާލް އަށް ޒިޔާރަތް ކޮށްލާށެވެ. އެކަމަކު، ބިރުން ހަލާކުވެދާނެ ކަމަށް ތައްޔާރުވެގެން ދިއުން މުހިންމެވެ!
