ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް އިތުރުކުރަން އެ ބޭންކުގެ ބޯޑުން ނިންމައިފި އެވެ. މިއާއެކު، ކުރިން އުމުރުން 60 އަހަރުގައި ލޯނު ދައްކާ ނިންމަން ޖެހޭ ގޮތަށް އޮތް އުސޫލު ބަދަލުވެ، 18 އަހަރާއި 75 އަހަރާ ދެމެދުގެ ކޮންމެ މީހަކަށް ވެސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވިފަ އެވެ.
މި ބަދަލާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ލޯނާއި ފައިނޭންސިން ފެސިލިޓީތައް ދޫކުރާ އުސޫލުތަކަށް މި ގެނައި ބަދަލަކީ ގިނަ ކަސްޓަމަރުންނަށް ފަސޭހަތަކެއް ލިބޭނެ ކަމެއް ކަމަށެވެ.
"މީގެކުރިން 55 އަހަރުގެ މީހަކަށް ލޯނެއް ދެވެނީ އެންމެ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމާ ގޮތަށް. މީގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވި،" ޝަރީފް ވިދާޅުވި އެވެ.
އުމުރުފުރާ 75 އަހަރަށް ބަދަލުކުރުމާއެކު، މެދުއުމުރުގެ ބޭފުޅުންނަށް ގެދޮރު ގަތުމަށާއި އެހެނިހެން ބޭނުންތަކަށް 20 ނުވަތަ 25 އަހަރަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިއީ ލޯނު ދޫކުރުމުގައި ހުރި އުމުރުގެ ހުރަސްތައް ކުޑަކޮށް، ގިނަ ބަޔަކަށް ބޭންކުގެ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް ބޭންކުން އެޅި މުހިންމު ފިޔަވަޅެކެވެ.
