ކުޑަކުރިންނަށް ކުރާ އަނިޔާތަކާއި އަދި ގުޅުންހުރި އެހެނިހެން މައްސަލަތައް އިތުރުވަމުން އަންނަކަން ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ހެލްތް އެންޑް ޖެންދާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެކަނި ވެސް އަނިޔާއާ ގުޅުން ހުރި 230 މައްސަލައެއް އެ ވުޒާރާއަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ގެވެށި އަނިޔާގެ އިތުރުން ޢާއިލީ މައްސަލަތައް ހިމެނެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ތަފާސްހިސާބު
މިދިޔަ މަހު ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން 92 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ.
އިހުމާލުވުން: 24 މައްސަލަ
އަނިޔާގެ އަމަލެއް ފެނުން/ދެއްކުން: 19 މައްސަލަ
ޖިސްމާނީ ހާނިއްކަ: 18 މައްސަލަ
ޖިންސީ ހާނިއްކަ: 13 މައްސަލަ
ނަފްސާނީ ހާނިއްކަ: 6 މައްސަލަ
ޖިންސީ ގޮތުން "ގްރޫމް" ކުރުން: 5 މައްސަލަ
ގަނާކުރުން: 2 މައްސަލަ
އިންޓަނެޓް މެދުވެރިކޮށް ގްރޫމް ކުރުމާއި ބަދުއަހުލާޤީ ވީޑިއޯ: 2 މައްސަލަ
އެހެނިހެން: 3 މައްސަލަ
ގެވެށި އަނިޔާއާއި ޢާއިލީ މައްސަލަތައް
ކުޑަކުދިންނަށް ކުރާ އަނިޔާގެ އިތުރުން، ގެވެށި އަނިޔާގެ 50 މައްސަލައަކާއި ޢާއިލީ މައްސަލަތަކުގެ 33 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ.
ގެވެށި އަނިޔާ: މި ބައިގައި ޖިސްމާނީ އަނިޔާގެ 24 މައްސަލައާއި، ނަފްސާނީ އަދި އަނގަބަހުން ދޭ އަނިޔާގެ 12 މައްސަލައެއް ހިމެނެއެވެ. މީގެ އިތުރުން ބިރުދެއްކުމާއި ފާރަލުން ފަދަ އެހެނިހެން މައްސަލަތައް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ޢާއިލީ މައްސަލަތައް: ކުދިން ބެލުމާއި، ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 28 މައްސަލައެއް ހިމެނޭއިރު، ޙަޟާނާގެ 4 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަތައް ބަލައި، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފިޔަވަޅު އެޅުމުގެ މަސައްކަތް ވުޒާރާއިން ދަނީ ކުރަމުންނެވެ. އަދި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ. މުޖުތަމައު އަމާންކޮށް، މިފަދަ މައްސަލަތައް މަދުކުރުމަކީ މިހާރުގެ އެންމެ ބޮޑު އަމާޒެވެ.
