މަސްވެރިކަން ކުރާ ރާއްޖޭގެ ހުރިހާ ދޯނިފަހަރަކަށް، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އަގުހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާ އިރުޝާދުގެ ދަށުން ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން، ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަކީ މި ޕްރޮގްރާމްގެ މައިގަނޑު އެއް މަގުސަދެވެ. މި ހާލަތުގައި ވެސް މަސްވެރިކަމުގެ ސިނާއަތް ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއެވެ.
މިދިޔަ މާރިޗު މަހުން ފެށިގެން، ހުޅުމާލެ އާއި ހިންމަފުށި، ފެލިވަރު، ކޫއްޑޫ އަދި ހުޅުދޫ މިފްކޯ އާއި އެފްއެސްއެމް ޝެޑުތަކުން ހެޔޮ އަގުގައި ތެޔޮ ވިއްކަން ފެށުމަށްފަހު، މިހާރު މި ޚިދުމަތް ވަނީ ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ފުޅާކޮށްފައެވެ. އެފްއެސްއެމްގެ ސްކިޑްތައް ގާއިމްކޮށްފައިވާ އިތުރު 8 ރަށަކުން މިހާރު މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެއެވެ.
މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ 13 ސަރަހައްދަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ބ. އޭދަފުށި، ފ. ނިލަންދޫ، ކ. ހިންމަފުށި، ރ. ދުވާފަރު، ދ. ކުޑަހުވަދޫ، ޅ. ފެލިވަރު، ގއ. ކޫއްޑޫ، ފުވައްމުލައް ސިޓީ، ސ. ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީއެވެ.
މި ތަންތަނުން ތެޔޮ އެޅުމަށްދާއިރު، މަސްވެރިން ލައިސަންސްގެ ކޮޕީއަކާއި އެންމެ ފަހުން މަސްކިރުވި ރަސީދު ހިފައިގެން ދިއުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކުރެއެވެ. މިއީ ތެޔޮ ސަޕްލައި ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ހައްގުވެރި މަސްވެރިންނަށް މި ލުއި ލިބޭކަން ކަށަވަރު ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅެކެވެ.
ކަޅުބިލަމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް ދޭ ކޯޓާ ކަނޑައަޅާފައިވަނީ 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް 5000 ލީޓަރު (މަހަކަށް 2 ދަތުރު)، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް 3000 ލީޓަރު (މަހަކަށް 3 ދަތުރު) އަދި 50 ފޫޓުން ދަށުގެ އުޅަނދުފަހަރަށް 1500 ލީޓަރު (މަހަކަށް 3 ދަތުރު) އެވެ.
ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދަތުރަކަށް ކަނޑައަޅާފައިވާ ކޯޓާއަކީ 85 ފޫޓުން ފެށިގެން ބޮޑެތި އުޅަނދުފަހަރަށް 1800 ލީޓަރު (މަހަކަށް 5 ދަތުރު)، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުފަހަރަށް 1200 ލީޓަރު (މަހަކަށް 5 ދަތުރު) އަދި 50 ފޫޓުން ދަށުގެ އުޅަނދުފަހަރަށް 600 ލީޓަރު (މަހަކަށް 5 ދަތުރު) އެވެ.
މި ބަދަލުތަކުގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ބޮޑުތަނުން ކުޑަވެ، މަސްވެރިންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބޭނެއެވެ. މަސްވެރިންނަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާއިރު، އެމީހުންގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ އަމާޒެކެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި މިވަގުތު ދަތިކަމެއް ނެތްކަމަށް ސަރުކާރުން ބުނެއެވެ. މިހާރު ހުރި ސްޓޮކްތަކުން ވެސް މި ޚިދުމަތްތައް މެނޭޖްކުރެވޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.
ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި، ސަރުކާރުން މި ފެށި މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ މަސްވެރިންނަށް ހެޔޮ އަގުގައި ދޫކޮށްފައިވެއެވެ. މިކަމުން ދޭހަވަނީ މަސްވެރިންނަށް އެހީތެރިވުމަށް ސަރުކާރުން ދޭ މަތީ އަހައްމިއްޔަތުކަމެވެ.
