ފާއިތުވެ އަހަރުތަކުގައި ޖީ-20 ގެ ބައްދަލުވުންތަކަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ ވެރިއަކަށް ޑޮނާލްޑް ޓްރަމްޕް ހުރުން ކަމަށް ވަރަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. މި ހަފްތާގެ ހޮނިހިރު ދުވަހަކީ ކޮވިޑް-19 އަށް ފަހު ފުރަތަމަ ފަހަރަށް ހުރިހާ ވެރިން އެއްމޭޒަކަށް ޖަމާވާނެ ދުވަހެވެ. އެއާއެކު، ގިނަ ގައުމުތަކުގެ ވެރިންގެ ފަރާތުން ފެންނަމުންދަނީ އުއްމީދީ އަދި މުހިއްމު ނިންމުތަކެއް ނިންމޭނެ ކަމުގެ އުފާވެރި މަންޒަރުތަކެވެ.
މިހަފްތާގެ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި ވާހަކަދައްކާނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމާހުރެ ދިމާވެފައިވާ އިޤްތިޞާދާއި ޞިއްޙީ ގޮންޖެހުންތަކުން ސަލާމަތްވުމަށް ކުރެވެންހުރި ކަނއްތައްތަކަށެވެ. ޚާއްޞަކޮށް ހުސްވި ހަފްތާގައި ތެލުގެ ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް ސަޢޫދީ ޢަރަބިއްޔާ އަދި ޔޫއޭއީ އަށް އެއްބަސްނުވެވި ދިއުމާ ގުޅިގެން އިންފްލޭޝަން ރޭޓްތަކަށް އަންނާނެ ބަދަލާމެދު ގިނަ ވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖީ-20 ގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އިޓަލީގެ ވެނިސްގައެވެ. ފާއިތުވި އަހަރުތަކުގައި މި ބައްދަލުވުންތައް ވެގެން ދިޔައީ އުނދަގޫ އަދި އެކަށީގެންވާ ނިންމުއްތައް ނުނިންމުނު ބައްދަލުވުންތަކަކަށެވެ. މީގެ ސަބަބަކަށްވެފައިވަނީ އެމެރިކާގެ މިދިޔަ ދައުރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ގޮތްދޫނުކުރުމާއި ދޯހަޅި ސިޔާސަތުތަކެވެ. ވަކިން ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން އަޅަންޖެހޭ މުހިއްމު ފިޔަވަޅުތައް ފާއިތުވި އަހަރުތަކުގައި ވަނީ ނޭޅިފައެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދިވެހިރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވަމުންދާ ގެއްލުންތަކާ ގުޅޭގޮތުން އަބަދުވެސް މި ސަމިޓްގައި ދަނީ އަޑު އުފަލަމުނެންވެ.
މީގެ އިތުރުން ކޯޕަރޭޓް ބޮޑެތި ކުންފުނިތަކުން ޓެކްސް ނެގުމުގެ ވާހަކަތައް ވެސް މި ހަފްތާގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކުގެ އިޤްތިޞާދުތައް އެއްވަރަކަށް ގެނައުމަށާއި އަދި ކުރިއަރަމުން އަންނަ ގައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. ކޮވިޑް-19 ގެ ސަބަބުން ގިނަ ގައުމުތަކެއްގެ އިޤްތިޞާދު ވަނީ ނާޒުކު ފައްތަރެއްގައެވެ.
