އިންޑިއާގެ ހައިދަރުއާބާދުގެ ސްކޫލެއްގައި ކިންޑަރގާޓަން (އެލް.ކޭ.ޖީ) ފެންވަރަށް ކިޔަވައިދޭ ކުއްޖެއްގެ އަހަރީ ފީ 2.7 ލައްކަ ރުޕީސްއަށްވުރެ މައްޗަށް ދިއުމާ ގުޅިގެން، ތަޢުލީމަށް ކުރަންޖެހޭ ބޮޑު ހޭދައާ މެދު ސޯޝަލް މީޑިއާގައި ވަރުގަދަ ބަހުސެއް ފެށިއްޖެއެވެ.

މި މައްސަލަ ޢާންމުންގެ ސަމާލުކަމަށް އައީ، މީހަކު އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރި ސްކޫލް ފީގެ ތަފްސީލީ ލިޔުމަކާ ގުޅިގެންނެވެ. އެ ލިޔުމުގައިވާ ގޮތުން، އެލް.ކޭ.ޖީގައި ކިޔަވާ ކުއްޖެއްގެ އަހަރީ ފީގެ ގޮތުގައި ޖުމްލަ 2،72،500 ރުޕީސް ދައްކަންޖެހެއެވެ. މީގެ ތެރޭގައި އެޑްމިޝަން ފީގެ ގޮތުގައި އެއްފަހަރު ދައްކަންޖެހޭ އެއްލައްކަ ރުޕީސްވެސް ހިމެނެއެވެ.

މި މަޢުލޫމާތުތައް ޢާންމުވުމާއެކު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ އިންތިހާއަށް ބޮޑު އަދަދެކެވެ. އަދި އާދައިގެ އާއިލާތަކަށް އަތްނުފޯރާ ފަށުގައި ތަޢުލީމުގެ އަގުތައް ހުރުމަކީ ޤައުމުގެ ކުރިމަގަށް އޮތް ނުރައްކަލެއް ކަމަށް ބައެއް މީހުން ދެކެއެވެ. "މިއީ ހައްދުން ނެއްޓިފައިވާ ކަމެއް،" ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އަމިއްލަ ސްކޫލްތަކުގެ ފީ ކޮންޓްރޯލްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

އެން.ޑީ.ޓީ.ވީ ގައި ރިޕޯޓުކޮއްފައިވާ ގޮތުގައި މި ބަހުސްގެ ތެރެއިން ބައެއް ފަރާތްތަކުން ތަޢުލީމީ އަގުތަކަށް ފާޑުކިޔަމުން ބުނެފައިވަނީ، މިއީ އިންޖިނިއަރިންގ ނުވަތަ މެޑިކަލް ފަދަ މަތީ ތަޢުލީމުގެ ދާއިރާތަކުން ކިޔެވުމަށް ހިނގާ ޚަރަދަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށެވެ. އަދި އަސާސީ އަކުރުތައް އުނގަންނައިދޭ މަރުޙަލާގެ ކުއްޖަކަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އެކި ސަރަޙައްދުތަކުގައި އަމިއްލަ ސްކޫލްތަކުން ނަގާ ފީއާއި، ތަޢުލީމީ ނިޒާމު ވިޔަފާރިއަކަށް ބަދަލުވަމުންދާ މިންވަރާ މެދު މިހާރު ދަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވެމުންނެވެ.

މަސްދަރު: އެން.ޑީ.ޓީ.ވީ 2026.