މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހުސެއިން ޝަފީގު އައްޔަންކޮށްފިއެވެ. މި މަގާމުގައި ކުރިން ހުންނެވި ރިޝްވާން މަގާމުން ވަކިވުމާ ގުޅިގެން، އެ މަގާމަށް ޝަފީގު އައްޔަންކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިންނެވެ.
ޝަފީގަކީ ކަނޑުދަތުރުގެ ދާއިރާގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މާސްޓާ މެރިނާއެއްގެ ގޮތުގައި ހުންނަވައިގެން ލަންކާއިން ތައުލީމް ހާސިލްކުރެއްވި ޝަފީގު ވަނީ މެރިޓައިމް ސައިންސްގެ ދާއިރާއިން ޑިޕްލޯމާ ހާސިލްކުރައްވައިފައެވެ. އޭނާ ވަނީ ރާއްޖޭގެ އެންމެ ބޮޑު ޑްރެޖަރު "މަހާޖައްރާފް" ގެ ފުރަތަމަ ދިވެހި ކެޕްޓަންގެ ގޮތުގައި ހަތް މަސް ދުވަހު މަސައްކަތްކުރައްވައިފައެވެ.
މީގެ އިތުރުން މެރިޓައިމް އޮޕަރޭޝަންތަކާއި އުޅަނދުފަހަރުގެ ފީސިބިލިޓީ ދިރާސާތައް ހެދުމުގެ ފުޅާ ތަޖުރިބާ ޝަފީގަށް ލިބިވަޑައިގެންފައިވެއެވެ. އޮޕަރޭޝަނަލް އަދި ޓެކްނިކަލް މައްސަލަތައް ހައްލުކުރުމާއި ކުއްލި ހާލަތްތަކުގައި ކަންކަން މެނޭޖުކުރުމުގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކަށް އުޅަނދުތައް އިންސްޕެކްޓް ކުރުމުގެ ހުނަރު އޭނާގެ ކިބައިގައި ހުރެއެވެ.
ގިނަ އަހަރުތަކެއް ވަންދެން ބޭރުގެ ކުންފުނިތަކުގައި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޝަފީގު އެމްޕީއެލްގެ އެމްޑީގެ މަގާމަށް އައްޔަންކުރުމަކީ އެ ކުންފުނީގެ ހިންގުމަށް ލިބުނު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.
