މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ބަންގްލަދޭޝްގެ ކާނާ އުފައްދާ ކާރުޚާނާގައި ހިނގި އަލިފާންގަނޑު މިއަދުގެ ހަވީރު ވީއިރުވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. އަލިފާންގަނޑު ރޯވުމާއެކު ކާރުޚާނާގެ އިމާރާތުގެ މަތިން އެތައް މަސައްކަތްތެރީންނެއް ވަނީ ފުންމާލާފައެވެ. ބައެއް މަސައްކަތްތެރީން އަދިވެސް ފެކްޓަރީގައި ތާށިވެފައިވާ ކަމަށާއި، ސަލާމަތީ ބާރުތަކުން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންދާކަމަށް އެގައުމުގެ ފަރާތުން ވަނީ ބުނެފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު 50 އިން މައްޗަށް ގޮސްފައިވާއިރު އެތައް ބަޔަކު ވަނީ ފުންމާލުމުގެ ސަބަބުންނާއި ދުމުގެ ސަބަބުން ފަރުވާދޭން ޖެހިފައެވެ. މައުލޫމާތު ލިބޭގޮތުގައި ކާރުޚާނާ އެތެރޭ ތާށިވެފަތިބީ ކިހާ މީހުންނެއް ކަމެއް އަދިވެސް ސާފެއްނުވެއެވެ. މި ކާރުޚާނާގައި މަސައްކަތްކުރާ ފަރާތްތަކުގެ އާއިލާތައް ދަނީ އެ ހިސާބުގަނޑުގައި ހިތާމަފާޅުކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މީހުން ބުނާގޮތުގައި ކުރިން އެތެރޭގައި ތާށިވެފައިތިބި މީހުންގެ ފޯނާ ގުޅުނު ނަމަވެސް މިހާރު އެއްވެސް ފޯނަކާ ނުގުޅެއެވެ.
ފާއިތުވެ އަހަރުތަކުގައި ބަންގްލަދޭޝްގައި އަލިފާނުގެ ގިނަ ހާދިސާތަކެއްވަނީ ހިނގާފައެވެ. މިއީ ސަލާމަތީ ކަންތައްތަކަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާތައް ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. 2019 ވަނަ އަހަރު ބަންގްލަދޭޝްގެ މީހުން ދިރިއުޅޭ އިމާރާތެއްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްނުވެ ކައިރީގައި ހުރި އެހެން އިމާރާތްތަކަށް ވަނީ ފެތުރިފައެވެ. މި ހާދިސާގައި ވެސް 70 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.
ދިވެހިރާއްޖޭގައި އަލިފާނުގެ ހާދިސާތައް މަދުންނަމަވެސް ދަނީ ދިމާވަމުންނެވެ. މިފަދަ ހާދިސާތަކުން ސަލާމަތްވުމަށް އަލިފާން ނިވާ ފުޅިއާއި އަދި 'ފަޔާ ބްލޭންކެޓް' ފަދަ ތަކެތި ގޭގައި ބެހެއްޓުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.
