ރާއްޖެއަކީ އިސްލާމީ ރާއްޖެއަކަށް ވުމުން، ކޮންމެ މީހެއްގެ ހިތުގައި މާތް ފޮތަށް ފުން ލޯތްބާއި ގަދަރު އޮންނަން ޖެހޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ވެމްކޯއިން ބޭއްވި ހުނަރު ދެއްކުމުގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވެމްކޯގެ މުވައްޒަފުންނަކީ ދީނީ ކަންކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް އެކަމަނާ ފާހަގަކުރެއްވިއެވެ. މުވައްޒަފުންނަށް ފޮތް ކިޔަވަން ދަސްކޮށްދިނުމަށް ކުލާސްތަކެއް ފެށުމަކީ އުފާކުރަންޖެހޭ ކަމެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

"މި ރާއްޖެއަކީ އިސްލާމީ ފަސްގަނޑެއް. އެހެންކަމުން މާތް ފޮތަށް ފުން ލޯތްބާއި ގަދަރު ދިނުން މުހިންމު،" އެކަމަނާ ވިދާޅުވިއެވެ.

ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް ވިދާޅުވީ، މުވައްޒަފުންނަށް ހާއްސަކޮށް ފޮތް ކިޔަވަން ދަސްކޮށްދޭ ތަނެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން އެ ތަން ނިންމައި ހިދުމަތް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ހަރަކާތުގައި ގިނަ މުވައްޒަފުންތަކެއް ބައިވެރިވިއެވެ. މިއީ ދީނީ ކަންކަން ކުރިއެރުވުމަށް ސަރުކާރުން ދޭ އެއްބާރުލުމުގެ ދަށުން ކުރެވޭ ކަމެއް ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.