ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ 276 މިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 20 ޕަސަންޓުގެ ކުރިއެރުމެކެވެ. މާލީ ރިޕޯޓުތަކުން ދައްކާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ކުންފުނީގެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.
މި ކުއާޓަރުގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 33 ޕަސަންޓުގެ އިތުރުވުމެކެވެ. އާމްދަނީ މިހާ ބޮޑުތަނުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ބަންކަރިން ހިމެނޭހެން ތެޔޮ ވިއްކި މިންވަރު 27 ޕަސަންޓު އިތުރުވުމެވެ.
ކުންފުނީގެ އެހެނިހެން ވިޔަފާރިތައް ވެސް ރަނގަޅުވެ، ޖުމްލަ ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 17 ޕަސަންޓުގެ އިތުރުވުމެކެވެ. ހިންގުމުގެ ހަރަދުތައް އިތުރުވި ނަމަވެސް، ހިންގުމުގެ ފައިދާ 14 ޕަސަންޓު އިތުރުވެ 368 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމުން ޓެކްސް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 331 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
